ސިއްހަތު

ރާއްޖޭގެ ހެލްތް އިންޝުއަރެންސް ނިޒާމަކީ ސަރަހައްދީ ގޮތުންވެސް އެންމެ ފުރިހަމަ އެއް ނިޒާމް - ޑރ. އަރުވިންދު


މިސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ރާއްޖޭގެ ޔުނިވާރސަލް ހެލްތް އިންޝުއަރެންސް ނިޒާމަކީ އެންމެ ފުރިހަމަ އެއް ނިޒާމްކަމަށް ދުނިޔޭގެ ސިއްޚަތު ޖަމުއިއްޔާއިން ރާއްޖެއަށް ކަޑައަޅާފަ ހުންނަ މަންދޫބު ޑރ އަރްވިންދު މާތޫރު ވިދާޅުވެއްޖެއެވެ. ޑަބްލިއުއެޗްއޯގެ މަންދޫބު ވަނީ ސިއްޚީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިން އެރުންތައް ފާހަގަކޮށް އެކަމަށް ތަޢުރީފް ކޮށްފައެެވެ.

އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ރޭޑިއޮލޮޖިސްޓުންނަށް ޙާއްޞަކޮށް ކުރިޔަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ ރާއްޖޭގެ މަންދޫބު ޑރ. އަރްވިންދު މާތޫރު ވިދާޅުވީ ރާއްޖޭގެ ސިއްޚީ ނިޒާމު ހަރުދަނާވުމުގެ މައިގަނޑު އަސާސަކީ ހުރިހާ ދައިރާތަކެއް ގުޅިގެން ސިއްޚީ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސަކަތް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހެލްތް އިންޝުއަރެންސް ސްކީމަކީ މިސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް ނިމާޒްކަން އޭނާ ފަހަގަ ކުރެއްވިއެވެ. އަދި ޑރ. މާތޫރު ވަނީ ސިއްޚީ ދައިރާ ހޯދަމުންދާ ކުރިއެރުންތައް ފާހަގަކޮށް އެކަމަށް ތަޢުރީފް ކުރައްވާފައެވެ. މީގެ އިތުރުން ޓައިނީ ހާރޓްސް ފަދަ ރާއްޖޭގެ އަމިއްލަ ޖަމުއިއްޔާތަކުން ރާއްޖޭގެ ސިއްޚީ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

"ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ފަންނު އިތުރުކުރުމަށް މިފަދަ ވޯކްޝޮޕްތައް ގިނަގިނައިން ބޭއްވުމަކީ ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކާ މުހިންމު ކަމެއް. ރާއްޖެއަކީ މިސަރަހައްދުން ބަލާނަމަވެސް ސިއްހީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދަމުންދާ ޤައުމެއް. އަދި މިފަދަ ކުރިއެރުންތައް ހޯދެނީ ސަރުކަރާ، އަމިއްލަ ފަރާތްތަކުން އެކުގައި ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތްކުރާތީ. އެންމެ ފުރިހަމަ ޔުނިވާރސަލް ހެލްތް އިންޝޯރަންސް ނިޒާމެއް ޤާއިމްވެފައިވާ އެއް ޤައުމުކަމު. ރާއްޖެއަކީ ވިހެއުމުގެ ކުރިން ކުދިންގެ ކުންނަ ސިއްހީ މައްސަލަތައް ދެނެގަނެ މީގެ ތަފްސީލް އެންމެ އެކަށޭނެ ގޮތެއްގައި އޮންލައިންކޮށް އަޕްޑޭޓް ކުރަމުންދާ އެއްޤައުމުވެސްމެ. ޓައިނީ ހާރޓްސްއަކީ ކުޑަކުދިންގެ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަމުގައި ކުދިންނަށް ބޭނުންވާ އެކިއެކި ހިދުމަތްތައް ދިނުމުގައި ލާމަސީލު ޖަމުއިއްޔާއެއް. ސިއްހީ ދާއިރާ ހަރުދަނާކުރުމަށް މިފަދައިން އަމިއްލަ ޖަމުއިއްޔާތަކުން ސަރުކަރުގެ މުވައްސަސާތަކާއެކު މަސައްކަތްކުރުން ވަރަށް މުހިންމު" ޑރ. އަރުވިންދު ވިދާޅުވިއެވެ.

ކުޑަކުދިންނަށް ދިމާވާ ހިތުގެ މައްސަލަތަކާއި އެހެނިހެން ބަލިތަކަކީ ވިހެއުމުގެ ކުރިން އެކަން ދެނެގަނެވިއްޖެނަމަ، ދަރިފުޅަށް ބޭނުންވާ ފަރުވާދީ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް މުހިންމު ރޯލެއް އަދާކުރާނެކަމެއްކަން ޑަބްލިއުއެޗްއޯ އިން ފާހަގަކުރެއެވެ. އެގޮތުން އާރލީ ޑިޓެކްޝަނަށް މަގުފަހިކުރުމަށް ސިއްޚީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އަހުލުވެރިކޮށް އެފަރާތްތަކުގެ ފަންނުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން މުހިންމުކަން ޑަބްލިއުއެޗްއޯގެ މަންދޫބު ފާހަގަކުރެއްވިއެވެ.

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ރޭޑިއޮލޮޖިސްޓުންނަށް ޙާއްޞަކޮށް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކުރިޔަށް ގެންދާ މަސައްކަތު ބައްދަލުވުމަކީ ކުޑަކުދިންގެ ތެރެއިން އުފެދުމުގައި ހުންނަ ހިތުގެ މައްސަލަތައް ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.