ތިމާވެށީގެ މައްސަލަތަކަށް ސްކޫލް ދަރިވަރުން ހޭލުންތެރިކުރުމަށް ބާއްވާ ތިމާވެށީގެ އެންމެ ބޮޑު މަހާސިންތާ އަންނަ އެޕްރީލް މަހު ބޭއްވުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ޤައުމީ ފެންވަރުގައި ސްކޫލް ކުދިން ހޭލުންތެރިކުރުވާ މިފަދަ މައްސަލަތަކަށް އެކުދިން ދޭ ސަމާލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެނަވަޔަރަމެންޓް އެންޑް އެނަރޖީން ކުރިއަށްގެންދާ "އެނަވަޔަރަމެންޓް ސިމްޕޯޒިއަމް" ނުވަތަ ތިމާވެށީގެ މަހާސިންތާ އޮންނާނީ އަންނަ އެޕްރީލް މަހުގެ ހަޔަކުން އަށަކަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 55 ސްކޫލަކުން މިއަހަރުގެ މަހާސިންތާގައި ބައިވެރިވާނެއެވެ. އެންވަޔަރަމެންޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު އަންވަރު ވިދާޅުވީ މިއީ މިމަހާސިންތާ ބާއްވާ ދެވަނަ ފަހަރު ކަމަށާއި ފުރަތަމަ ފަހަރަށްވުރެ މިފަހަރުގެ މަހާސިންތާ ވަރަށް ބޮޑަށް ތަފާތު ވާނެކަމަށެވެ.
އެގޮތުން މިފަހަރު ފެނިގެންދާނެ އެންމެ ބޮޑު އެއްބަދަލަކީ ސްކޫލްތަކުން ޕްރެޒެންޓޭޝަން މެދުވެރިކޮށް ހުށައަޅާ ތިމާވެށީގެ މައްސަލަތައް ހައްލުކުރާނެ ގޮތާއި އެކަން ކުރުމަށް ދަރިވަރުން ވިސްނާފައިވާ ގޮތް ބަލާ މިނިސްޓްރީގެ ފަރާތުން އެކަމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމުންކަމަށެވެ. އަދި އޭނާ ވިދާޅުވީ ސްކޫލްތަކުން ހުށައަޅާ ޕްރޮޖެކްޓްތައް އިންޑިޕެންޑެންޓް ޕެނަލަކުން އިވެލުއޭޓްކުރުމަށްފަހު ދަރުބާރުގޭގައި އެޕްރީލް މަހު ބާއްވާ ރަސްމިއްޔާތުގައި ވަނަ ހޯދާ ސްކޫލްތައް ޢިއުލާންކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
"މިފަހަރުގެ މަހާސިންތާ ކުރީފަހަރަށްވުރެ ކުލަގަދަ ވާނެ. މިދިޔަ ފަހަރުގެ ތަޖުރިބާއަށް ބަލާފައި މިފަހަރު ތަރުޙީބުވަނީ ބޮޑުވެފައި. އެގޮތުން ފުރަތަމަ ބޭއްވި މިފަދަ މަހާސިންތާގައި 33 ސްކޫލް ވާދަކުރި އިރު މިފަހަރު 55 ސްކޫލަކުން މިވަނީ ބައިވެރިވެފައި." އަޙްމަދު އަންވަރު ވިދާޅުވިއެވެ.
2015 ވަނަ އަހަރު ބޭއްވި ފުރަތަމަ މަހާސިންތާގައި ކަނޑައަޅާފައިވަނީ ހަމައެކަނި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ދަރިވަރުން ހުށައަޅާފައިވާ ޕްރެޒެންޓޭޝަންތަކެކެވެ. އެހެން ނަމަވެސް މިފަހަރު މިފަދަ މައްސަލަތައް ޙައްލުކުރުމަށް ކުރާނެ މަސައްކަތުގެ އެކްޝަން ޕްލޭނެއް ދަރިވަރުން ހުށައަޅަން ޖެހެއެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ދަރިވަރުންގެ ހުށައަޅާ ޕްރޮޖެކްޓްތައް އިތުރަށް ހަރުދަނާކުރުމަށް ކަމާ ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެކަމަށެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް ބޭނުންވާ މާލީ އެހީތެރިކަންވެސް ދަރިވަރުންގެ ޕްރޮޖެކްޓްގައި ހިމަނަންވާނެކަމަށާއި އިވެލުއޭޓް މަސައްކަތް ނިންމާ ހޮވޭ ސްކޫލްތަކަށް އެފަރާތުން ކަނޑައަޅާފައިވާ މާލީ އެހީ މިނިސްޓްރީން ދޭނެކަމަށެވެ. އަދި ދަރުބާރުގޭގައި މި މަހާސިންތާ ކުރިއަށްދާއިރު އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އޮބްޒާވްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެނަވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.