ވިޔަފާރި

މުދާ އުފުލާ ގަޑި ބަދަލުވުމުން ވިޔަފާރިވެރިންނާ މަޝްވަރާ ކުރަނީ


މާލޭގެ މަގުތަކުގައި މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއި ގުޅިގެން ވިޔަފާރިވެރިންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރަމުން ގެންދަވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތަޢުފީޤް ވިދާޅުވީ މުދާ އުފުލާ ގަޑިތަކަށް އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލު އަންނާތީ ބައެއް ވިޔަފާރިވެރިން އެކަމާ ކަންބޮޑުވުންފާޅު ކުރަމުން ގެންދާކަމަށެވެ. ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދާދިނުމަށް މަޝްވަރާކުރަމުން ގެންދާކަމަށާއި ސަރުކާރުން ވިޔަފާރިވެރިނަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދޭނެ ކަމަށްވެސް ތަޢުފީޤް ވިދާޅުވިއެވެ.

މުދާ އުފުލާ ގަޑިއަށް ބަދަލުތަކެއް ގެނައުމަށް ނިންމުމުން ތަކެތީގެ އަގު ބޮޑުވެގެންދާނެ ކަމަށް ވިޔަފާރިވެރިން މީޑިއާތަކާއި ޙަވާލާދީ ބުނަމުންދާ ކަމަށާއި އެފަދަ ކަމެއް ވިޔަނުދޭން ސަރުކާރަށް ކުރެވުން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް ތައުފީގް ވިދާޅުވިއެވެ.

"މި ބަދަލު އަޅުގަނޑުމެން މި ގެނައީ ރައްޔިތުންނަށް ލާބަޔާ މަންފާ އަދި ފަސޭހަ ކޮށްދިނުމަށްޓަކައި. އެހެންވީމަ އޭގެ އޮޕަޗިއުނިޓީ ކޮސްޓެއް ނުވަތަ އެހެން އަގުތަކެއް އުފުލިގެން ދިއުމަކީ މީގެ ފައިދާ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ނޫން. އެހެންވީމަ އަގުތައް މަތިވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ވިޔަފާރިވެރިންނާ އަޅުގަނޑުމެން މަޝްވަރާ ކުރާނަން،" ތަޢުފީޤް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނުތަކާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކުގެ އިތުރުން ބޮޑެތި މުދާފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ދުވާލު ގަޑީގައި އުފުލުން މަނާކޮށްފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ފެށިގެން މާލޭގެ މަގުތަކުގައި މުދާ އުފުލޭނީ ރޭގަޑު ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ކަމަށެވެ.

ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކުރިނަމަވެސް ކައްކަން ބޭނުންކުރާ ގޭސް ދުވާލުގެ ބައެއް ވަގުތަކުގައި ޑެލިވަރީކުރުމުގެ ހުއްދަވަނީ ދީފައެވެ. މިގޮތުން ދުވާލު ގޭސް ޑެލިވަރީ ކުރެވޭނީ ހެދުނު އަށަކުން މެންދުރު 11:00 އާ ހަމައަށެވެ. އަދި ރޭގަޑުވެސް ގޭސް ޑެލިވަރީކުރެވޭނެކަމަށްވެސް ޓްރާންސްޕޯރޓް އޮތޯރިޓީން ބުނެއެވެ.