އަންނަ ރޯދަމަހު ދަޅު ދަޅު މަސް ފަސޭހައިން ލިބޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ބުނެފިއެވެ. މިފްކޯއިން ބުނީ ރޯދަމަހަށް އަމާޒުކޮށް ދަޅުމަސް ރައްކާކުރާނެ ބޮޑު ގުދަނެއް ޤާއިމުކޮށްފަިއވާކަމަށާއި މި ގުދަނުގައި ތިރީސްހާހަށްވުރެ ގިނަ މަސްކޭސް އެއްފަހަރާ ރައްކާކުރެވޭނެކަމަށެވެ.
މިފްކޯއިން މަސްވެރިންނަށްދޭ ޚިދުމަތްތަކާއި، އެ ކުންފުނީގެ ޕްރޮޑަކްޓްތައް އިތުރުކޮށް ދުނިޔޭގެ މާކެޓް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފްކޯއިންވަނީ އެކުންފުނީގެ ބައެއް އުފެއްދުންތައް އެމެރިކާގެ ބާޒާރަށް ނެރެން ފަށާފައެވެ. މީގެ އިތުރުން ކުރިން ހަމައެކަނި ދަޅުގައި މަސް ބަންދުކޮށް ވިއްކަމުން އައިނަމަވެސް މިފްކޯއިން ވަނީ މަސް ޕެކެޓް ނުވަތަ ޕައުޗްގައި މަސް ބަންދުކުރަންފަށާފައެވެ.
މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު ވިދާޅުވީ މިހާރު ދަޅުގައި ބަންދުކޮށްގެން ވިއްކަމުން އަންނަ މަސް، ޕެކެޓްކޮށް ވިއްކަން ނިންމާފައިވަނީ އެއްފަހަރާ ގިނަ އަދަދަކަށް މަސް ބޭނުންކުރާ ފަރާތްތަކަށް ފަސޭހައަކަށް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރާއި ރިސޯޓުތަކަށްވެސް މިއީ މުހިންމު ޕްރޮޑަކްޓެއްކަަން އޭނާ ފާހަގަ ކުރެއްވިއެވެ.
2014 ވަނަ އަަހަރުން ފެށިގެން 2016 ވަނަ އަހަރަށް ބަލާއިރު، މިޕްކޯއިން މަސްދަޅު އެކްސްޕޯޓް ކުރި އަދަދު ވަނީ 15 މެޓްރިކް ޓަނުން 50 މެޓްރިކް ޓަނަށް އިތުރުވެފައެވެ. އަދި މިއަހަރު މި އަދަދު 65 މެޓްރިކް ޓަނަށް އިތުރުވާނެކަމަށް މިފްކޯއިން ލަފާކުރެއެވެ. މިފްކޯއިން ގެންދަނީ ކުރިން މިފްކޯއަށް ގެއްލުނު ބައެއް މަރކެޓްތަކަށްވެސް އަލުން ވިޔަފާރި ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖަރުމަނާއި، އެމެރިކާއާއި އިގިރޭސިވިލާތުގެ އިތުރުން ޗައިނާއާއި މެދުއިރުމަތީގެ އިތުރު ޤައުމުތަކަށް މިފްކޯގެ ޕްރޮޑަކްޓްތައް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޕައުޗް މަސް ޕެކެޓު މަޝްރޫޢަށް މިފްކޯއިން ވަނީ 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިފްކޯއިން ބުނެފައިވަނީ އައްޑުގައި އަޅާ ފިޝަރީސް ކޮމްޕްލެކްސްއާއި އިތުރު ކޮމްޕްލެކްސްތަކުގައި ޕައުޗް ޕްލާންޓްތައް ޤާއިމުކުރަން ނިންމާފައިވާ ކަމަށެވެ.