ކުޅިވަރު

ފީފާއިން ރެފްރީންގެ އޭޖް ލިމިޓް އުވާލައިފި


ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރެފްރީއެއްގެ ގޮތުގައި ވަކި އުމުރެއްނެތި ހުރެވޭގޮތަށް އެ ޖަމާއަތުން ނިންމައިފި އެވެ. މި ގޮތުން ނިންމާފައިވަނީ ފީފާ ރެފްރީއެއްގެ ގޮތުގައި ހުރެ 45 އަހަރުން މަތިވި ނަމަވެސް ރެފްރީކަން ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ފީފާ ރެފްރީކަން ކުރުމަށްފަހު ހުއްޓާލައިގެން ހުއްޓައި 45 އަހަރުން މަތިވާ ފަރާތްތަކަށް ވެސް ފިޓްނަސް ރަނގަޅުނަމަ އަލުން ފީފާ ބެޖް ދޭ ގޮތަށް ވެސް ވަނީ ނިންމާފަ އެވެ. ފީފާއިން މި ބަދަލު ގެނައީ ގިނަ ރެފްރީންނަކީ ފިޓްނަސް ރަނގަޅު ބަޔަކަށްވެފައި، އަދި ކޮލިޓީ ރެފްރީންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ. މީގެ އިތުރުން 45 އަހަރާއި 55 އަހަރާ ދެމެދަކީ ރެފްރީކަން ކުރުމަށް އެކަށީގެންވާ އުމުރެއް ކަމަށް އެ ޖަމާއަތުގެ ރެފްރީޒް ޓީމުން ލަފާދީފައިވާތީ އެވެ. ފީފާގެ ރެފްރީންގެ ކަންކަން ދިރާސާކޮށް ބަލަހައްޓާ އެންމެ އިސް ފަރާތަކީ ދުނިޔޭގެ ކުރީގެ އެއްވަނަ ރެފްރީ އިޓަލީގެ މަޝްހޫރު ޕިއަރް ލުއިޖީ ކޮލީނާ އެވެ. އޭނާ ބުނެފައިވަނީ އަންނަ ޖޫން މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް 45 އަހަރުން މަތީގެ ރެފްރީން ފެނިގެންދާނެ ކަމަށާއި ވޯލްޑް ކަޕަށް ރެފްރީން ނަގާފައިވަނީ ފިޓްނަސް އާއި ފާއިތުވެދިޔަ އަހަރުތަކުގެ ޕާފޯމަންސަށް ބަލާފައި ކަމަށެވެ.

"ރެފްރީން ނަގާފައިވަނީ ވަރަށް ގިނަ ކަންކަމަށް ބަލާފައި. އެންމެ ބޮޑަށް ބަލާފައިވަނީ ޕާފޯމަންސަށް. މީގެ އިތުރުން ފިޓްނަސް އާއި ކޫޕަ ޓެސްޓާއި ތިއަރީ ޓެސްޓަށް ވެސް ބަލާފައިވާނެ. އުމުރަކީ ރެފްރީކަން ކުރަން އޮތް ހުރަހެއްނޫން،" 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗުގެ ރެފްރީ ބުންޏެވެ.