ޚަބަރު

"2017 ގައި ސީއެސްސީއާ ދެކޮޅަށް ހުށަހެޅި މައްސަލަތައް މަދު"


2017 ވަނަ އަހަރު ސިވިލް ސަރވިސް ކޮމިޝަނަށް 412 މައްސަލައެއް ހުށަހަޅާފައިވާކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ. 

ސިވިލްސަރވިސް ކޮމިޝަންގެ 2017 ވަނަ އަހަރުގެ އަހރީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްމިޔާތުގައި ވާހަކަދައްކަވަމުން، އެކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް ވިދާޅުވީ 2016 ވަނަ އަހަރު ނިމުނު އިރު ނުނިމި ހުރި 89 މައްސަލައާއެކު މިދިޔައަހަރު ޖުމްލަ 501 މައްސަލައެއް ބެލުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު 410 މައްސަލައެއް ބަލާ ނިމިފައިވާކަމަށްވެސް ޑރ.ޢަލީ ޝަމީމް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު 91 މައްސަލައެއް ބަލަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2016 ވަނަ އަހަރާ އަޅާ ބަލާއިރު 2017 ވަނަ އަހަރު މައްސަލަތައް ހުށަހެޅުނު މިންވަރު 23 އިންސައްތަ އިތުރުވެފައިވާކަމަށެވެ. އެހެންކަމުން މުވައްޒަފުން ސިވިލްސަރވިސްގެ ޤާނޫނާއި ޤަވާޢިދުތަކަށް އަހުލިވެރިކުރުވައި، މަސައްކަތުގެ އަޙްލާގު ރަނގަޅުކުރުމަށް އިތުރު މަސައްކަތްތައް މިއަހަރު ކޮމިޝަނުންކުރިއަށްގެންދާނެކަމަށެވެ. މިއާއެކު 2017 ވަނަ އަހަރު ކޮމިޝަނާ ދެކޮޅަށް ކޯޓްތަކަށް ހުށަހެޅުނު މައްސަލަތައް މަދުވެފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. 

" 2017 ވަަނަ އަހަރު ކޯޓުތަކާއި ޓްރަބިއުނަލަށް، ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މައްސަލަތަކުގެ ޢަދަދަށް ބަލާއިރު، ވަޒީފާއާއި ބެހޭ ޓްރަބިއުނަލަށް 25 މައްސަލައާއި، ސިވިލް ކޯޓަށް 8 މައްސަލައާއި، ހައިކޯޓަށް 4 މައްސަލަ ހުށަހަޅާފައިވޭ. 2016 ވަނަ އަހަރާއި އަޅާބަލާއިރު، 2017 ވަނަ އަހަރު ކޮމިޝަނާ ދެކޮޅަށް ކޯޓުތަކަށް ހުށަހެޅި މައްސަލަތައް މަދުވެފައިވާކަން ފާހަގަކޮށްލަން." ޑރ.ޢަލީ ޝަމީމް ވިދާޅުވިއެވެ. 

2017 ވަނައަހަރު ސިވިލްސަރވިސް މުވައްޒަފުންގެ ގޮތުގައި އެކާވީސްހާސް އަށްސަތޭކަ ސާޅީސް ހަތް މުވައްޒަފުން ތިއްބެވެ. މީގެ ތެރެއިން ތޭރަހާސް އަށްޑީހަ ހަތް އަންހެން މުވައްޒަފުންނާއި އަށްހާސް ހަތްސަތޭކަ ފަސްދޮޅަށް ފިރިހެން މުވައްޒަފުންތިއްބެވެ. އަދި މިިދިޔަ އަހަރު 174 މުވައްޒަފަކު މުސްކުޅިކޮށްފައިވާއިރު، ދާއިމީ ވަޒީފާ އެއްހާސް ހަތަރުސަތޭކަ ފަންސާސް ހަތަރު މުވައްޒަފުންނަށް އަދި ވަގުތީ ވަޒީފާ ހަތަރުސަތޭކަ އަށްޑިހަ ތިން މުވައްޒަފުންނަށް ދީފައިވެއެވެ. 

މިދިޔަ އަހަރު ދެހާސް ނުވަސަތޭކަ ހަތްދިހަ ހަތަރު މުވައްޒަފުންގެ ވަޒީފާ ބަދަލުކުރެވިފައިވާކަމަށްވެސް ސިވިލްސަރވިސްގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ.