މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން މައިކަލް ކެރިކް އަކީ އިނގިރޭސިވިލާތުގެ އެންމެ މޮޅު ސެންޓަ މިޑްފީލްޑަރު ކަމަށް އޭނާގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.
ޔުނައިޓެޑަށް 27 އަހަރު ކޯޗުކޮށްދިން ފާގަސަން މިހެން ބުނީ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލާނެކަން ކެރިކް އިއުލާނު ކުރުމުންނެވެ.
ޓޮޓެންހަމުން 2006 ވަނަ އަހަރު 18 މިލިއަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނު ކެރިކް ވަނީ އެ ޓީމަށް 463 މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ ޤައުމީ ޓީމަށް ވެސް 34 މެޗު ކުޅެފަ އެވެ.
އުމުރުން މިހާރު 36 އަހަރުގެ ކެރިކް ބުނީ އޭނާ ކުޅުން ހުއްޓާލަން ނިންމީ ވަރުގަދަ މެޗުތައް ކުޅެން ހަށިގަނޑު ތަންނުދޭތީ އެވެ. ކެރިކް އަކީ ހިތުގެ މައްސަލަ ހުންނަ ކުޅުންތެރިއެކެވެ.
ޔުނައިޓެޑާއެކު ފަސް ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރި ކުޅުންތެރިޔާ ބުނީ މި ސީޒަނުގައި މެޗުތަކެއް ކުޅެން އޭނާ އަދި އުއްމީދު ކުރާ ކަމަށެވެ.
"އަހަރެން ބޭނުންވަނީ ފިޓްކޮށް ހުންނަން. ޕްރެކްޓިހުގައި އަހަރެން އެކަމަށް މަސައްކަތް ކުރަން. މި ސީޒަނުގައި އަހަންނަށް އަދި ފުރުސަތުތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރަން،" ކެރިކް ބުންޏެވެ.
ޔުނައިޓެޑްގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ކެރިކް އަކީ ވަރަށް ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އުމުރުން މިހާރު 25 އަހަރުގައި ކެރިކް ހުރިނަމަ އެއީ ވަރަށް ތަފާތު ކުޅުންތެރިއަކަށްވީސް ކަމަށެވެ.
"މެދުތެރޭގައި ޕޯލް ސްކޯލްސް އާއި ކެރިކް ތިބުމުން އަހަރުމެންނަށް ހަމަޖެހުން ލިބޭ. އެދެ މީހުން ކުޅޭއިރު ހީވަނީ ޕިއާނޯ ކުޅޭހެން. އެހާވެސް އަމާންކޮށް މެދުތެރެ އޮންނާނީ. އޭނާ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް،" ކުރީގެ ކެޕްޓަން ގެރީ ނެވިލް ބުންޏެވެ.
މަޝްހޫރު ޕޯލް ސްކޯލްސް ބުނީ ކެރިކް އަކީ މުޅި ދަނޑުގައި ދުވާ އާދަޔާ ހިލާފު ކުޅުންތެރިއެއް ކަމަށެވެ.
ކެރިކަށް އެހެން ޓީމުތަކުގެ ކޯޗުން ވެސް ވަނީ ތައުރީފްކޮށްފަ އެވެ.
"އޭނާ އަކީ ސްޕޭނުގައި (ރެއާލް މެޑްރިޑަށް ކުޅުނު ) ޒަބީ އަލޮންސޯ އާއި (ބާސެލޯނާގެ) ސާޖިއޯ ބުސްސްކެޓްސް ފަދަ ކުޅުންތެރިއެއް. އެއީ އިނގިރޭސިވިލާތުގައި ހުރި އެންމެ މޮޅު ދިފާއީ މިޑްފީލްޑަރު." މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
"އަހަރެން ދެރަވަނީ އަހަރެންނަށް އޭނާއަށް ކޯޗުކޮށްދިނުމުގެ ފުރުސަތު ނުލިބުމުން. އޭނާ އަކީ ކޮންމެ ކޯޗަކުވެސް ބޭނުންވާހާ މޮޅު ކުޅުންތެރިއެއް،" އާސެނަލްގެ ކޯޗު އާސެން ވެންގާ ބުންޏެވެ.