ދިވެހިރައްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭންކުރުމަށް އިތުރު މަތިންދާބޯޓެއް ގެނެސްފިއެވެ.
މޯލްޑިވިއަން އިން އަލަށް ގެނެސްފައިވަނީ ޑޭސް 8 މަރުކާގެ ބޯޓެކެވެ. 50 މީހުންގެ ޖާގައިގެ މިބޯޓަކީ ނެދަލެންޑްސް އިން ގެނައި ބޯޓެއްކަމަށް މޯލްޑިވިއަނުން ބުނެއެވެ. މި ބޯޓު ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކާއި އިންޑިއާގެ ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގައިކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މި ބޯޓަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތައްފަހު ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ އުދުހުން ފުޅާވެގެން ދިއުމަކީ ރާއްޖޭގެފަތުރުވެރިކަމަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމެއްކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގެ ޙިދުމަތަށް އިތުރު ބޯޓުތައްގެނެސް އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެކަމަށް ޒަމީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު މުޅި މި ސަރަހައްދަށް ފުޅާކުރުންކަމަށެވެ. އަދި ރައީސް ޔާމީން ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު އައިލެންޑް އޭވިއޭޝަންގެ ޚިދުމަތުގައި ބޭނުންކުރީ 7 ބޯޓްކަމަށާއި ނަމަވެސް މިހާރު މި އަދަދުވަނީ 23 އަށް އިތުރުވެފައިކަމަށެވެ. މިނިސްޓަރ ސައީދު ވިދާޅުވީ މި ކުރެވޭ މަސައްކަތްތަކަކީ ރާއްޖޭއަކީ ފުދުންތެރި ޤައުމަކަށް ހެދުމަށްކުރެވޭ މަސައްކަތްތަކެއްކަމަށެވެ.
އަލަށް ގެނައި ބޯޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިޘް ގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.