ކުޅިވަރު

ސަޕޯޓަރުން ރުޅި އޮތީ އާސެނަލްގެ ކޯޗަށް، އަހަންނަކަށްނޫން: ވެންގާ


އާސެނަލްގެ ސަޕޯޓަރުން ރުޅި އަންނަނީ އޭނާ ދެކެ ނޫން ކަމަށާއި އެއީ އާސެނަލްގެ ކޯޗުގެ މަޤާމުގައި ހުރި މީހާ އަށް އަންނަ ރުޅިއެއް ކަަމަށް ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ފާއިތުވެދިޔަ 21 އަހަރު އާސެނަލްގެ ކޯޗުކަމުގައި ހުރި ވެންގާ މަޤާމުން ބޭރު ކުރަން ސަޕޯޓަރުންނާއެކު ކުރީގެ ކުޅުންތެރިން ވެސް ދަނީ ބޮޑު ކެމްޕޭނެއް ކުރަމުންނެވެ. އޭގެ ތެރޭގައި އޭނާގެ ކޯޗުކަމުގައި އާސެނަލް ތަށި ހޯދިއިރު ކެޕްޓަންކަން ކުރި ޕެތްރިކް ވިއޭރާ އާއި ތިއޭރީ އޮންރީ ވެސް ހިމެނެއެވެ.

"އަހަރެން ދެކޭ ގޮތުގައި ސަޕޯޓަރުން އަންނަ ރުޅި އަކީ އަހަންނާ ޒާތީ ގޮތުން އަންނަ ރުޅިއެއްނޫން. އެއީ ކޯޗަށް އަންނަ ރުޅިއެއް. ނަތިޖާ ނުނެރެވޭތީީވެ ކޯޗަށް އަންނަ ހިތްހަމަނުޖެހުމެއް އެއީ. އަހަރެން ތަފާތު ދައްކާނަން. އަހަރެން ދެރަވޭ ނަތީޖާ ނުނެރެވޭތީވެ. އެކަމަކު އަހަރެން ކަންކަން ބަދަލު ކުރާނަން،" 1996 ވަނަ އަހަރުން ފެށިގެން އާސެނަލްގެ ކޯޗުކަން ކުރަމުން އަންނަ ވެންގާ ބުންޏެވެ.

އާސެނަލްގެ ކޯޗުކަން ވެންގާ މިހާރު ދޫކޮށްލަން ވެއްޖެކަމަށް އެ މަޤާމަށް އޭނާ ގެނައިއިރު އާސެނަލްގެ ކުރީގެ ޗެއާމަން ވެސް ވަނީ ގޮވާލައިފައެވެ. ނަމަވެސް ވެންގާ ބުނީ އާސެނަލްއަކީ އެންމެ މީހެއް ނޫން ކަމަށާއި އެއީ 30 މިލިއަން މީހުން ކަމަށެވެ.

"މިއެންމެން އުފާކުރުމަކީ އަހަރެން ވެސް އެދޭގޮތް. އެކަމަށް މަސައްކަތް މިކުރަނީ. އެކަމަކު ކަންކަން ބަދަލުކުރެވޭނީ ވަރަށް ގިނަ މަސައްކަތުން،" ވެންގާ ބުންޏެވެ.

ވެންގާގެ ކޯޗުކަމުގައި ފުރަތަމަ ފަހަރަށް އާސެނަލް މިދިޔަ އަހަރު ޕްރެމިއާ ލީގުގެ ގަދަ ހަތަރަކުން ކަޓައި ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިނުވާއިރު މި ސީޒަނުގައި މިވަގުތު ޓީމުއޮތީ ޓޭބަލުގެ ހަ ވަނާގައެވެ. ނަމަވެސް ޔޫރޮޕާ ލީގުގައި އެ ޓީމު އަންނަނީ ރަނގަޅު ނަތިޖާތަކެއް ނެރެމުންނެވެ.