އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅޭ މެޗުގައި އޭނާގެ ޓީމުން ބަސް ޕާކް ކުރިޔަސް އެކަމާ މައްސަލަ ނުޖައްސާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
އޭނާ ބުނީ މެންޗެސްޓާ ޔުނައިޓެޑަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، މިހެންވެ އެއްވެސް ޓީމަކުން އުދުހިނުގަންނާނެ ކަމަށެވެ.
"ޔުނައިޓެޑަކީ ވަރަށް ވަރުގަދަ ޓީމެއް. ފިލޯސަފީގެ ގޮތުންވެސް. މެންޓަލީވެސް އަދި ފިޒިކަލީ ވެސް. ޓެކްޓިކަލީ ވެސް އެމީހުން ވަރަށް ވަރުގަދަ. އެހެންވީމަ އެއްވެސް ޓީމަކުން ޔުނައިޓެޑާ ދެކޮޅަށް އުދުހި ނުގަންނާނެ. ލިވަޕޫލުން އެކަމެއް ނުކުރާނެ. މިފަދަ މެޗެއްގައި އަހަރުމެންގެ 11 ކުޅުންތެރިން ޑިފެންސް ކުރަންޖެހޭ ހާލަތުތަކެއް އަންނާނެ. ލިވަޕޫލް މެޗުގެ ބައެއް ގަޑިތަކުގައި ބަސް ޕާކް ކުރިޔަސް އަހަރެންގެ މައްސަލައެއްނެތް،" ކްލޮޕް ބުންޏެވެ.
މޮރީނިއޯ ހަވާުވި ފަހުން ޔުނައިޓެޑާއި ލިވަޕޫލް މިހާތަނަށް ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނީ ލިވަޕޫލްގެ ދަނޑުގައެވެ. މިއަދު ހަވީރު ޔުނައިޓެޑްގެ އޯލްޑް ޓްރެފްޑްގައި ކުޅޭ މެޗަށް ނުކުންނައިރު ކްލޮޕް ބުނީ މި މެޗުގެ ހާއްސަކަން އިތުރަށް ބުނެދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"މިއީ ވަރަށް ފެންވަރު ރަނގަޅު އަދި ވަރަށް ވާދަވެރި ދެ ޓީމުގެ މެޗެއް. ޑިފެންސިވް އެޕްރޯޗް އަހަރެން ގަބޫލު ކުރަން. އެކަމަކު މިި މެޗު ވެގެންދާނީ ވަރަށް ވަރުގަދަ ދެ ޓީމު ކުރާ ވަރުގަދަ ވާދައަކަށް. އަހަރެންގެ ޓީމު މި މެޗު ކާމިޔާބު ކުރަން ވެސް މަސައްކަތް ކުރާނެ،" ކްލޮޕް ބުންޏެވެ.
ކޯޗު މޮރީނިއޯ ބުނީ އޭނާގެ ޓީމު އިނގިރޭސި ލީގުގެ ދެ ވަނަ ބޭނުން ކަމަށެވެ. އަދި ލިވަޕޫލް ފަދަ ވާދަވެރި ޓީމެއް ބަލިކުރުމަކީ މުހިންމު މަޤާމަކަށް ވާދަކުރާއިރު ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
އިނގިރޭސި ލީގުގައި މިވަގުތު ޔުނައިޓެޑް އޮތީ ދެ ވަނާގައެވެ. ލިވަޕޫލް ތިން ވަނާގައެވެ. މިހާތަނަށް ކުޅުނު 29 މެޗުން ޔުނައިޓެޑަށް 62 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ލިބިފައިވަނީ 60 ޕޮއިންޓެވެ. އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 78 ޕޮއިންޓެވެ.