ވިޔަފާރި

ލިވިންގ އެކްސްޕޯގެ ތެރެއިން ގެދޮރުގަތުމުގެ ފުރުޞަތުތައް


މިއަހަރުގެ ލިވިންގ އެކްސްޕޯގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް މި އިވެންޓް އިންތިޒާމްކުރާ ހައިރައިޒުން ބުނެފިއެވެ.

ލިވިންގ އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް މިދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިވެންޓެކެވެ.

ނޭޝަނަލް އާރޓް ގެލަރީގައި 6 ވަނަ ލިވިންގ އެކްސްޕޯ ކުރިއަށްދާއިރު މި އިވެންޓާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައިރައިޒްގެ ފައުންޑަރ އިސްމާޢިލް ހަމީދު ވިދާޅުވީ މި އިވެންޓްގެ ތެރެއިން އެއްތަނަކުން ގެދޮރު އިމާރާތްކުރާ ގިނަ ކުންފުނިތަކަކާއި ބައްދަލުވެ، ކޮންޕެއަރކޮށް ހެޔޮ އަގުގައި ގެދޮރު ގަތުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އަހަރަކަށްވުރެ އަހަރެއް އެކްސްޕޯގައި ބައިވެރިވާ އިންޓަނޭޝަނަލް ބުރޭންޑްތައް ގިނަވަމުން އަންނަކަން އިސްމާޢީލް ހަމީދު ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރުގެ އެކްސްޕޯގައި ލަންކާގެ ރިއަލް އެސްޓޭޓް ދާއިރާގައި މަސައްކަތްކުރާ ގިނަ ކުންފުނިތައް ބައިވެރިވާކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ޓާގެޓްކުރިން ކައިރި ޤައުމުތަކުގައި ހުރި އެޕާރޓްމަންޓްސް ދިވެހިންނަށް ގަންނަން ފުރުސަތުތައް ހުޅުވާލަން. އަމިއްލައަށް ތަނަކަށް ދަތުރުކޮށްފަ ބައިވަރު މީހުންނާ ބައްދަލުކޮށްފަ ބައިވަރު ޓައިމް ދިއުމުގެ ބަދަލުގައި އަޅުގަނޑުމެން މި އިވެންޓް ތެރެއިން ޑިފަރެންޓް އެޕާރޓްމަންޓް ބިލްޑަރުންނާއި އެއްތަނަކުން ބައްދަލުވެ އަދި ޑިޒިޝަން މޭކިންގ ގައި ކޮނޕެއަރ ކުރުމުގެ ފުރުސަތު އެބަ ލިބިގެންދޭ." އިސްމާއިލް ހަމީދު ވިދާޅުވިއެވެ.



މި އަހަރުގެ ލިވިންގ އެކްސްޕޯ އޮންނާނީ މި މަހުގެ 8، 9 ،10 މި ތިންދުވަހު ނޭޝަނަލް އާރޓް ގެލަރީގައެވެ. މިފަހަރު އެކްސްޕޯގެ ތެރެއިންވެސް ވިޒިޓް އެންޑް ވިންގެ ނަމުގައި ގިނަ ލަކީޑްރޯތަކެއް ނެގިގެންދާނެކަމަށް ހައިރައިޒުން ބުނެއެވެ. މިފަހަރުގެ އެކްސްޕޯގައި 24 އެގްޒިބިޓަރުން ބައިވެރިވެއެވެ.