ޚަބަރު

އައިޓީބީ 2018 ޖަރުމަނު ވިލާތުގެ ބާލިންގގައި ފަށައިފި


ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، އިންޓަރނޭޝަނަލް ޓޫރިޒަމް ބޯސޭ، (އައިޓީބީ)ގެ މިއަހަރުގެ ފެއާ ޖަރުމަނު ވިލާތުގެ ބާލިންގ ގައި ފަށައިފިއެވެ.

މިއަހަރުގެ ފެއާ ކުރިއަށްދާނީ މި މަހުގެ 7 އިން 11 އަށެވެ. މިފަހަރުގެ ފެއާގައި ރާއްޖެއިން ބައިވެރިވާ ވަފުދަކީ މިފަދަ ފެއާއެއްގައި މިހާތަނަށް ރާއްޖެއިން  ބައިވެރިވާ އެންމެބޮޑު ވަފުދުކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ރާއްޖޭގެ ވަފުދުގައި، ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީ އާއި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން  ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އިސްކޮށް ހަރަކާތްތެރިވާ ވަރަށް ގިނަ ބޭފުޅުން ވެސް މިފަހަރުގެ ފެއާގެ ރާއްޖޭގެ ވަފުދުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

މިފަހަރުގެ ފެއާއާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލް ކުރުމަށް މިފަދަ ބޮޑު ވަފުދެއް މިދަނޑިވަޅުގައި ބައިވެރިވުމަކީ ސަރުކާރަށާއި ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. މިދުވަސްވަރަކީ ރާއްޖޭގެ ނަން ބޭރުގެ ދުނިޔޭގައި ކިލަނބުކޮށްލަން އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި މަސައްލަތް ކުރަމުންދާ ދަނޑިވަޅެއް ކަމަށްވާތީ ރާއްޖެ އިތުރަށް ޕޮރޮމޯޓު ކުރުމުގެ ފުރުސަތު މިފެއާގައި ލިބިގެންދާނެ ކަމަށް ޙާރިސް ޤަބޫލުފުޅުކުރައްވައެވެ.

img:http://s1.psmnews.mv/images/660x400/15204279189974.jpg|ޖަރުމަނު ވިލާތުގެ ބާލިންގ ގައި މިހާރު ކުރިއަށްދާ އައިޓީބީ 2018 ގެ ރާއްޖޭގެ ސްޓޭންޑް - ފޮޓޯ: ޕީއެސްއެމް ނިއުސް

މިފަދަ ހާލަތުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި ރިސޯޓުތަކުން މި ފެއާގައި ބައިވެރިވުމަށް މިފަދަ ބޮޑުތަރުހީބެއް ދެއްވުކީ އުފާކުރާކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފެއާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށްޓަކައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސުލްހަވެރިކަމާއި، އަމާންކަމުގެ ވާހަކަ އިސްތިހާރު ކުރެވޭނެ ކަމަށެވެ.

img:http://s2.psmnews.mv/images/660x400/15204279859789.jpg|އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުޙައްމަދު ޕީއެސްއެމް ނިއުސްއަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

މިފަހަރުގެ ފެއާ ފެށިގެންދިއުމާއެކު ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަން ފާހަގަކުރައްވައި ހާރިސް ވިދާޅުވީ ބޮޑުތަރުޙީބަކާއެކު ރާއްޖެއިން ދުނިޔެއަށް ދޭންބޭނުންވާ މެސެޖު ވަރަށް ފުރިހަމަގޮތުގައި ފޯރުކޮށްދެވޭނެ ފަހަރަކަށް މިފަހަރު ވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިފަހަރަކީ ދިވެހިރާއްޖެއިން އެންމެގިނަ ބިޒްނަސް ޕާޓްނަރުން އައިޓީބީގައި ބައިވެރިވިފަހަރުކަމަށްވާތީ މިފަހަރު ރާއްޖެއިން އަޅުގަނޑުމެން ދޭން މިބޭނުންވާ މެސެޖު ދުނިޔެއަށް ފޯރުކޮށްދެވޭނެ ޕްލެޓްފޯމަކަށް މިފަހަރުގެ އައިޓީބީ ފެއާ ވެގެންދާނެ. އަދި މިފަހަރުގެ ސްޓޭންޑް ތައްޔާރުކޮށްފައި ހުރިގޮތުން ދިވެހިރާއްޖޭގެ ރީތިކަމާއި ދިވެހިރާއްޖޭގެ ޗާލުކަން އަދި ދިވެހި ކުލަތަކާއި ދިވެހި ރަހަތަށް މިތަނުން ދައްކުވައިދޭ. މިއީ އަޅުގަނޑުމެން ބޭނުންވާ އަމާޒަށް ވާޞިލްވުމަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމަކަށްވާނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." ޙާރިސް ވިދާޅުވިއެވެ.

އައިޓީބީ 2018 އާ ގުޅޭގޮތުން ޕީއެމްއެން ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ ޢަލީ ވިދާޅުވީ މިފަހަރުގެ ފެއާ ފެށުމާއެކު ރާއްޖޭގެ ސްޓޭންޑްގެ ކާރޫބާރޫ މިހާބޮޑުވެގެން ދިއުމުން އެކަނިވެސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އަދި ވަކިން ޚާއްސަކޮށް ޖަރުމަނުވިލާތުގައި ރާއްޖޭގެ މަޤްބޫލުކަން އޮތް މިންވަރު ހާމަވާކަމަށެވެ. އަދި ވެއާ ނިމިގެންދާއިރު ރާއްޖެއިން އުންމިދުކުރާފަދަ ކާމިޔާބެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޖަމީލާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ސަފީރަކަށްވީފަހުން މިއީ ދެވަނަފަހަރު އައިޓީބީ ބަރލިން ފެއާގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށްވެސް ލިބުނު. އަޅުގަނޑުހިތުން (މިފަހަރު) ވަރަށް ހިތްގައިމު. މިފަހަރުގެ ސްޓޭންޑްވެސް ތިޔަބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާހެން މިއޮތީ ބަދަލުވެސް ކޮށްލާފައި. މިތަނަށް ވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު ތިވިދާޅުވިހެން އިތުރުވެފައި މިވަނީ. އޭގެމާނައަކީ ރާއްޖޭގެ މަޤުބޫލުކަން (މަންޒިލެއްގެ ގޮތުގައި) އަދިވެސް ވަރަށްކުރީގައި މިއޮންނަނީ." ޖަމީލާ ޢަލީ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15204280464040.jpg|ަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ ޢަލީ ޕީއެސްއެމް ނިއުސްއަށް އިންޓަވިއު ދެއްވަނީ - ފޮޓޯ ޕީއެސްއެމް ނިއުސް

ޔޫރަޕުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމަކީ އައިޓިބީ އޮންނަ ޖަރުމަނު ވިލާތެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ އައިޓީބީއަށް ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ގައުމުތަކުން ޓްރެވަލް އާއި ޓޫރިޒަމް ދާއިރާގެ އެތައް ހާސް ބަޔަކު ޖަމާވެ އެވެ. މިފަހަރުގެ ފެއާގައި ދުނީޔެގޭ 180 ގައުމަކުން 10،000 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.