އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން މަސައްކަތް ކުރައްވާނީ އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ނަޒާހަތްތެރިކަމާއެކު ކަމަށް އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމަށް މިއަދު އޭނާ އައްޔަން ކުރުމާއި ގުޅިގެން އެކަން އިޢުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް އަޙްމަދު ޝަރީފް ޢައްޔަން ކޮށްފައިވަނީ، މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
އީލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް މަތިކޮށްފައިވާ ޒިންމާ އިޚްލާސްތެރިކަމާއެކު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް، އިންސާފުވެރި އިންތިޚާބުތަކެއް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދީގެން އެ ކޮމިޝަނުން ކުރިއަށް ގެންދާ މަސައްކަތަށް އަލިއަޅުއްވާ ލައްވަމުން ޝަރީފް ވިދާޅުވީ، މިވަގުތު އެންމެ ބާރު ސްޕީޑްގައި ކުރިއަށްދަނީ އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިންތިޚާބު ތަކާއިބެހޭ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ބަންޑާރަ ނާއިބުގެ އޮފީހާއި ގުޅިގެން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
" އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް، އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްވުރެ ބޮޑަށް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ ކުރިއަރުވަން. މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ އިންތިޚާބުތަކާބެހޭ ޤާނޫނަށް ރިކޮމެންޑް ކޮށްފައިވާ އިސްލާހުތައް މުއައްސަސާތަކާއި މަޝްވަރާ ކޮށްގެން އެ އިސްލާހުތައް ގެނައުމަށް. އެ އިސްލާހުތަކާބެހޭ ކަރުދާސްތައް ތައްޔާރުކޮށް މިހާރު ވާނީ އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބު ކައިރިވެފައިވާތީ އެމަސައްކަތް އަވަސްކޮށް އިންސާފުވެރި މިނިވަން އިންތިޚާބެއް ބޭއްވުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އީސީން ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހުގެ ތެރޭގައި ހުޅުވާލާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާނެކަން އިޢުލާން ކޮށްފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ޝަރީފް ޢައްޔަން ކުރުމުގެކުރިން އޭނާ ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައެވެ. ޝަރީފް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކޮށްފައި މިވަނީ ކުރިން އެމަޤާމުގައި ހުންނެވި އަޙްމަދު ސުލައިމާން މިދިޔަ މަހުގެ ތެރޭގައި އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އަޙްމަދު ޝަރީފް އައްޔަން ކުރައްވާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އޭނާ އެ މަޤާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިއަދު ހެނދުނު އޮތް މަޖިލީހުގެ ޖަލްސާގައެވެ.