ވިޔަފާރި

ލިވިންގ އެކްސްޕޯގައި ކެލޮރީ ކައުންޓަރގެ އުފެއްދުންތައް ދައްކާލަނީ


މިއަހަރުގެ ލިވިންގ އެކްސްޕޯގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ އިންޓަނޭޝަނަލް ފާސްޓްފުޑް ފްރެންޗައިޒް އައުޓްލެޓެއްގެ އުފެއްދުންތައް ދައްކާލާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ހައިރައިޒުން ބުނެފިއެވެ. 

މިމަހުގެ 8 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ލިވިންގ އެކްސްޕޯގެ ތެރެއިން ދައްކާލުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ފާސްޓްފުޑް ފްރެންޗައިޒް އައުޓްލެޓެއްކަމަށްވާ ކެލޮރީ ކައުންޓަރގެ އުފެއްދުންތަކެވެ. މިމަހުގެ 7 ވަނަ ދުވަހު ކެލޮރީ ކައުންޓަރގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ކެލޮރީ ކައުންޓަރއިން ބުނީ އެ ރެސްޓޯރަންޓުން ތައްޔާރުކުރާ ކާނާއަކީ ޝުގާ ފްރީ އަދި ތެޔޮ އެކުލެވޭ މިންވަރުދަށް ޞިއްޙަތައް ފައިދާހުރި ގޮތަށް ތައްޔާރުކުރާ ކާނާ ކަމަށެވެ.  

ލިވިންގ އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައިރައިޒުން ބުނީ މިއަހަރުގެ ލިވިންގ އެކްސްޕޯ ވަރަށް ތަފާތުވާނެކަމަށެވެ. މި އަހަރުގެ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލްއެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތަކަކުން ބައިވެރިވާނެކަމަށް ހައިރައިޒުން ބުނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކުން ގެދޮރުގަތުމާއި ބެހޭ ގިނަ މައުލޫމާތުތަކެއް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާއިރު ރާއްޖޭގައި އަލަށް ފަށާ ބައެއް މަޝްރޫއުތަކާބެހޭ މައުލޫމާތުވެސް ލިބިގެންދާނެކަމަށް ހައިރައިޒުން ބުނެއެވެ.

ރާއްޖޭގައި ބާއްވާ ހަވަނަ ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ކޮލަންބޯ ސިޓީ ސެންޓަރެވެ. ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމެއްކަމުން ލަންކާގައި ގެދޮރު ގަތުމުގައި ހުރި ފުރުޞަތުތައް މި އެކްސްޕޯގެ ތެރެއިން އެނގިގެންދާނެކަމަށެވެ.

މި އަހަރުގެ ލިވިންގ އެކްސްޕޯ އޮންނާނީ މިމަހުގެ 8 އިން 10 އަކަށް ނޭޝަނަލް އާރޓް ގެލަރީގައެވެ.