ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން ގިނަ ދުވަހު އުޅެމުންދާ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގޭ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް ދިރިއުޅެމުންދާ ތަނުގެ ވެރިފަރާތުގެ ލިޔުން ނުލިބޭ ކަމުގެ ޝަކުޥާ ލިބެމުންދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
މި ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމް ހުށަހަޅާއިރު ފޯމް ހުށަހަޅާ ފަރާތްތަކުން ދިރިއުޅެމުންދާ ތަނުގައި ދިރިއުޅޭކަން ސާބިތު ކުރުމަށްޓަކައި ކުލީގެ އެއްބަސްވުމުގެ ކޮޕީ ނުވަނަ ތަނުގެ ވެރިފަރާތުގެ ލިޔުން ހުށަހަޅަންޖެހއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ކުއްޔަށް އުޅޭ ފަރާތްތަކަށް ވެރިފަރާތުގެ ލިޔުމެއް ނުލިބޭނަމަ އެތަނެއްގައި އެފަރާތެއް ދިރިއުޅެމުންދާކަމާއި އަދި ދައްކަމުންދާ ކުލި އިނގޭނެ ގޮތަށް ގޭގައި ދިރިއުޅެމުންދާ ފަރާތްތަކާއި އިތުރު ދެހެކިވެރީންގެ މައުލޫމާތު ހިމެނޭ ލޔުމެއް ހުށަހެޅުމުން ފޯމް ބަލައިގަންނާނެކަމަށެވެ. އަދި ލިޔުމާއެކު އެ ފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
އާ ހައުސިން ސްކީމަށް ކުރިމަތިލުމަށްޓަކައި އެކަމަށް އެދޭ ފޯމް ބަލައިގަންނަން ފަށާފައިވާއިރު ދުވާލަކަށް ދޫކުރަމުންދާނީ ސަތޭކަ ނަމްބަރެވެ.
ފްލެޓަށް އެދި ހުށަހަޅަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމުގެގޮތުން ފޯމްތައް ތިން މަސްދުވަހާއި ހަމައަށް ބަލައިގަންނަގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިފަހަރު ފޯމުތައް ބަލައިގަންނަމުންދަނީ ފޯމާ އެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަ ކުރުމުންނެވެ. އެހެން ފަހަރުތަކާ ޚިލާފަށް، މި ފަހަރު ފޯމު ބަލައިގަތުމަށް ފަހު ރަސީދު ދޫކުރާނީ އެ މީހަކަށް ލިބޭ ޕޮއިންޓްގެ އަދަދާ އެކުގައި ކަމަށް ވެސް ހައުންސިންގ މިނިސްޓްރީން ބުނެއެވެ.
އާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމަށް ހުޅުމާލޭގައި އެގާރަސަތޭކަ ފްލެޓާއި ވިލިނގިލީގައި ސަތޭކަ ފަންސާސް ފުލެޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.