ޚަބަރު

އަމުރުކުރަން އެދޭނަމަ ކިޔަމަންވާން ދަސްކުރޭ!


މީގެ 6 އަހަރު ކުރިއަށް ޖެހިލާއިރު ފެނިގެން ދިޔައީ އޭރު ރާއްޖޭގައި އޮތް ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ, ނުރުހުން ފާޅުކުރަމުން ދިޔަ މަންޒަރެވެ. 23 ރޭ ވަންދެން މާލޭގެ މަގުތައް މަައްޗަށް ރައްޔިތުން އޭރު އޮތް ސަރުކާރާ ދެކޮޅަށް ނިކުންނަން ޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދިވެހިރާއްޖޭގެ ވެރިކަމުގައި އޭރު ހުންނެވި މުޙައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމަކީ ޑިކްޓޭޓަރޝިޕެއް ކަމަށް ބުނެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވާނެ ކަމަށް މާތް ރަސްކަނލާގެ ގަންދީ ހުވާ ކޮށްގެންނެވެ.

ނަމަވެސް ރައީސް ނަޝީދު ވެރިކަމުގައި ހޭދަކުރެއްވި 1183 ދުވަހަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހޭދަކުރެއްވި ދުވަސްތަކަށްވުރެ އަނިޔާވެރި ދުވަސްތަކެއް ކަމަށް އޭރު ދިވެހި ރައްޔިތުން އައީ ތަކުރާރުކޮށް ބުނަމުންނެވެ. ދިވެހި ރައްޔިތުންގެ ހިތްތަކަކުން އެ ދުވަސްތަކެއް ފިލައިގެން ނުދާނެއެވެ. ދިވެހިންނަކީ ސައްތައިން ސައްތަ އިސްލާމީ ވަޙްދަތެއް އޮތް އިސްލާމީ ޤައުމަކަށްވާއިރު މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ޢަމަލުތަކެއް ޤައުމުގެ ވަލިއްޔުލް އަމުރުގެ މަޤާމުގައި ހުންނެވި ބޭފުޅެއްގެ ފަރާތުން ފެނުމަކީ ރައްޔިތުންގެ ހިތްތަކަށް ކުޅަދާނަވެގެން ދިޔަ ކަމެއް ނޫނެވެ.

އިސްލާމް ދީނާ ދެކޮޅަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ގެންގުޅުނު ރުޅިވެރިކަމާއި ނަފްރަތުގެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ޤައުމު ކެކިއަރަން ފެށުމަށްފަހު، ނަޝީދު ހެއްދެވި އެންމެ ބޮޑު ގޯހަކީ، ޤާނޫނާއި ޤާނޫނުގެ ޙުކުމަށް އޭނާގެ ސަރުކާރުން ފެށުނީއްސުރެ ގެންގުޅުނު ބޭއިޙްތިރާމުގެ ސަގާފަތް މުޅީން އައު ފައްތަރަކަށް ގެންނެވުމެވެ. ރައީސް ނަޝީދުގެ ސަރުކާރަކީ ހެދިފައިވާ ޤާނޫނުތަކަށް ބޯލަނބާ ސަރުކާރެއް ނޫންކަން ރައްޔިތުންނަށް އެންމެ ބޮޑަށް ފަހުމްވެގެން ދިޔައީ ހެދިފައިވާ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ އެންމެހައި ހަމަތަކާވެސް މުޅީން ޚިލާފަށް ދިވެހިރާއްޖޭގެ ފަނޑިޔާރަކު "ވަގަށް" ނެގުމެވެ. މި ހިސާބަށް ކަންތައް ދިއުމުން 2012ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16ވަނަ ދުވަހުން ފެށިގެން ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް ފާޅުގައި މަގުތަކަށް ނުކުމެ އިސްތިޢުފާއަށް ގޮވަން މަޖުބޫރުވެގެން ދިޔައެވެ.

ރާއްޖޭގެ ވެރިކަން ކުރާ މައިރަށް ފުރަ މާލޭގެ މަގުތައް ކޮންމެ ރެއެއްގެ ނުވައެއް ޖެހުމާއެކު ގުގުމަމުން ދިޔައީ "ރައީސް ނަޝީދު އިސްތިއުފާ" މި ލަފްޒުތަކުންނެވެ. ސުވާލަކީ އޭރު 23 ރޭ ވަންދެން ދިވެހި ރައްޔިތުންތަކެއް ކުރަމުން ދިޔަ މުޒާހަރާތަކަކީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކުރަމުންދިޔަ މުޒާހަރާތަކެއްތޯއެވެ. މިއަދު ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަމުންދަނީ އޭރު ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް މާލޭގެ އެތައް މިތަނަށް ރައްޔިތުން ނިކުތްއިރު ޤާނޫނާއި ޤަވާއިދުތައް ނެތީތޯއެވެ. ގްރީން ޒޯންތައް ކަނޑައަޅާފައި ނުހުންނަނީތޯއެވެ.

ދިވެހިރާއްޖޭގައި މިއަދު އަޅުގަނޑުމެން ޢަމަލުކުރަމުން މި އަންނަ ފެހި ޤާނޫނު އަސާސީގެ 32ވަނަ މާއްދާގައި ހިފައިގެން އިދިކޮޅު ފަރާތްތަކުން ދަމާ ނެގިއަކަސް ފަރުޖެއްސޭކަށް ނެތެވެ. ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މިއީ މިއަދު އިދިކޮޅު ފަރާތްތަކުން އެންމެ ގިނައިން ދައްކަމުން ގެންދާ ވާހަކައެވެ. ނަމަވެސް ހިތާމައަކީ 2008ވަނަ އަހަރު ޤާނޫނު އަސާސީ ހެދިއިރު މަސައްކަތްކުރެއްވި ބޭފުޅުންވެސް އިދިކޮޅުގައި ތިއްބެވިއިރު މި ޤާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ޤާނޫނުތަކެއް ހުންނަކަމާއި އެ ޤާނޫނުތަކަށް ޢަމަލުކުރުމަކީވެސް ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއްކަން އިދިކޮޅު ބޭފުޅުންނަށް ނުވިސްނޭތީއެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނުތާ އަހަރެއްހާ ދުވަސްފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނެއް ފާސްކޮށްފައެވެ. ދިމިޤްރާތީ އެހެން މުޖުތަމަޢުތަކަކޭ އެއްގޮތަށް އެ ޤާނޫނުގައި ދިވެހިންގެ އާންމު ބަހުރުވައިންނަމަ މުޒާހަރާ ނުވަތަ އެއްވެ އުޅެވޭނެ އިންތަކާއި މިންތައް ވަނީ ކަނޑައަޅާ ބަޔާންކޮށްފައެވެ. މި ޤާނޫނު ފާސްކުރީވެސް މިއަދު އިދިކޮޅުގައި މަސައްކަތްކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ވެސް ވޯޓާ އެކުގައެވެ. 11 ބާބުގެ މައްޗަށް އެކުލެވޭ މި ޤާނޫނަށް ރައްޔިތުން އާނބަސް ބުނީ މިއީ ކޮންމެހެން ވެސް ރާއްޖެއަށް ބޭނުންވާ މުހިއްމު ޤާނޫނަކަށް ވުމުންނެވެ.

ކަން މިހެން ހުރެމެ 2016ވަނަ އަހަރު މި ޤާނޫނަށް ވަނީ އިޞްލާޙެއް ގެނެސްފައެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިޞްލާޙް، މަޖިލީހުން ފާސްކުރުމުން މިހާރު އެ އިޞްލާހަށްވެސް ދިވެހިން ޢަމަލުކުރުން ވަނީ ލާޒިމްވެފައެވެ. އެއްވެ އުޅުމުގެ ޤާނޫނުގެ 24ވަނަ މާއްދާއަށް އިތުރުކުރެވުނު ނުކުތާގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާ ނުލައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ ފުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަނުގައި ކަމަށެވެ.

އިސްލާޙްގައިވާ ގޮތުން މުޒާހަރާކުރެވޭނެ ތަންތަނުގެ ލިސްޓް މި އިސްލާޙަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހޯމް މިނިސްޓްރީން ޢާންމުކޮށް އިޢުލާންކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެެހެއެވެ. އަދި އެ ލިސްޓަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ އެ އުނި އިތުރަކަށް އަމަލުކުރަން ފެށުމުގެ 30 ދުވަހުގެ ކުރިން ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށްފަހު ކަމަށްވެސް އެ ޤާނޫނަށް 2016ވަނަ އަހަރު ގެނެސްފައިވާ އިޞްލާޙްގައި ވަނީ ބުނެފައެވެ.

އޮގަސްޓު މަހުގެ 31ވަނަ ދުވަހު ހޯމް މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލެގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހެންވޭރު ކާނިވާ ސަރަޙައްދުގައި ކަމަށް ކަނޑައަޅާފައެވެ. އިދިކޮޅު ފަރާތްތަކަށް ޖަވާބު ލިބިއްޖެކަމަށް އުއްމީދު ކުރަމެވެ. އެއީ މީގެ 6 އަހަރު ކުރިން ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން މާލޭގެ މަގުތަކަށް ނިކުމެ ބޭއްވީ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފު އެއްވުންތަކެއް ނޫން ކަމަށެވެ. ނަމަވެސް މިއަދު އިދިކޮޅުގައި ތިއްބެވި ފަރާތްތައް މުޒާހަރާކުރަމުން އެ ގެންދަނީ ޤާނޫނުތަކާއި ޤަވާޢިދުތަކާ މުޅިން ޚިލާފަށެވެ.

އަދި މިވަރަކުން ފުދުނީއެއް ނޫނެވެ. މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހުންނެވި ޢަބްދުﷲ ޔާމީނަށް ޤާނޫނު އަސާސީގެ 253ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރައްވާފައެވެ. އަދި އެ ޙާލަތާއެކު ޤާނޫނު އަސާސީގެ ބައެއް މާއްދާތައްވެސް ވަނީ ހިފަހައްޓާފައެވެ. އޭގެތެރޭގައި ޤާނޫނު އަސާސީގެ 32ވަނަ މާއްދާ އެއްވެ އުޅުމުގެ މިނިވަންކަންވެސް ވަނީ ހިފަހައްޓާފައެވެ. އެހެންކަމުން ޤާނޫނު އަސާސީގެ ތެރެއިން ވެރިކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު ޤާނޫނު އަސާސީއާ ޤާނޫނުތަކަށް އެބޭފުޅުން ބޯލެނބުން ކީއްތޯއެވެ.

މިއަދު މުޒާހަރާތަކަށް ނިކުންނަ އެންމެހާ ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމަކީ މުޒާހަރާކުރުމުގެ ނިޔަތުގައި މަގުމައްޗަށް ނިކުތުމަކީވެސް މިއަދު ރާއްޖޭގެ ޤާނޫނުތައް ހުރި ގޮތުން މަނާ ކަމެއް ކަމެވެ. އެއީ ޤާނޫނާ ޚިލާފު ކަމެއްކަމެވެ. އިއްޔެ މުޒަހާރާ ކުރެވުނީ އެ ޤާނޫނުތައް އެގޮތަށް ހަދާފައި ނެތުމުން ކަމެވެ. އިއްޔެ ހިތުހުރި ތަނަކަށް އެއްވެސް ހިތުހުރި އެއްޗެއް ބުނުމުގެ ޙައްޤު އޮތީ އެ ޤާނޫނުތައް ވުޖޫދުކުރަން ވަލިއްޔުލް އަމުރަށް އެނގިވަޑައި ނުގަތުމުންނެވެ. ނަމަވެސް މިއަދު ވަކިތަނަކަށް އެއްވެވޭނެ ކަމަށް ބަޔާންކުރާއިރު އެތަނަކަށް އެއްވިއަސް ތިމާ ހިތުހުރި އެއްޗެއް ކިއުމުގެ އިޚްތިޔާރެއްވެސް ނެތެވެ. އެއީ ތިމާ ހިތުހުރި އެއްޗެއް އަނެކާއާ ދިމާލަށް ކިޔާއުރު އަބުރުގެ ޤާނޫނު ތިމާއަށް އަރާ ހަމަކުރާނެތީއެވެ. އެހެންކަމުން ސަރުކާރުން ޤާނޫނު އަސާސީއާ ޤާނޫނުތަކާ ޚިލާފު ކަންތައް ކުރަނީއޭ ތިމާމެން [އިދިކޮޅު ފަރާތްތައް] ބުނާއިރު ފުރަތަމަ ތިމާމެން އިޞްލާހުވުން މާ ރަނގަޅުވާނެއެވެ.