ކުޅިވަރު

ސަސްޕެންޑް ކުރިޔަސް ރީނދޫ ރިބަން ޖަހާނަން؛ ގާޑިއޯލާ


ރީނދޫ ރިބަން ޖަހައިގެން އިނގިރޭސި އެފްއޭއިން އޭނާ ސަސްޕެންޑް ކުރި ނަމަވެސް އެކަން ނުހުއްޓާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސްޕޭނުގެ ބާސެލޯނާއަށް އުފަން ގާޑިއޯލާ ރީނދޫ ރިބަން ޖަހަނީ ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާ ސްޕޭނުން ވަކިވެ، މިނިވަން ދައުލަތަކަށްވާން ކުރާ މަސައްކަތުގައި ބައެއް ސިޔާސީ ލީޑަރުން ޖަލަށްލާފައިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ގާޑިއޯލާ ބުނީ އޭނާ ރީނދޫ ރިބަންޖަހަނީ ސިޔާސީ މަގްސަދެއްގައިނޫން ކަަމަށެވެ.

"މިއީ ސިޔާސީ ކަމެއްނޫން. މިއީ ޑިކޮމްރަސީއަށް ތާއީދު ކުރުމަށް ކުރާ ކަމެއް. އަހަރެން މި ރިބަންޖެހަނީ އެއްވެސް ކަމެއްނުކޮށް ތިބި ބަޔަކަށް ތާއީދު ކުރުމަށް. 4 މީހަކު އެބަތިބި ޖަލުގައި، 4 މީހަކު އެބަތިބި ގައުމުން ބޭރުގައި (އަލުވާލެވިގެން). މިއީ އެއްވެސް (ކުށެއް) ކަމެއް ނުކޮށް ތިބި މީހުން. އެމީހުންނަށްޓަކައިވެސް އަހަރެން (ރިބަންޖެހުން) ކުރިއަށް ގެންދާނަން،" ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ބުންޏެވެ.

އިނގިރޭސި އެފްއޭއިން ގާޑިއޯލާ ސަސްޕެންޑްކުރިއިރު، މި މައްސަލާގައި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ހިޔާލު ހުރީ ގާޑިއޯލާއާ އެއްގޮތަށެވެ. އެ ޖަމާއަތުން ބުނީ އިހްތިރާމާއެކު ކުރާ ކަމަކުން އަދި ބޭނުންކުރާ ނިޝާނަކުން ދައްކާ ވާހަކައަކާހެދި އެއްވެސް މީހަކާ ދެކޮޅަށް އެ ޖަމާއަތުން ފިޔަވަޅު ނާޅާނެ ކަމަށެވެ.

ގާޑިއޯލާ އަކީ ކެޓަލޯނިއާގެ މިނިވަންކަމަށް ކުރާ ކެމްޕޭނުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ.