ޚަބަރު

"ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރީ ރަނގަޅަށް"


ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ސްޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅުއްވީ މިރޭ ނެރުއްވި އިޝްތިޝާރީ ލަފާގައެވެ.

ޤާނޫނު އަސާސީގެ 95 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުއްވި 11 ޞަފްޙާގެ އިޝްތިޝާރީ ލަފާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރަން ބާއްވާ މަޖިލީހުގެ ޖަލްސާތަކުގައި ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ކަމަށްވާ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ހާޒިރުވެ ތިބުމަކީ ދުސްތޫރީ ގޮތުން ލާޒިމްވެގެންވާ ކަމެއް ނޫންކަން އެނގޭކަމަށެވެ.

"ބުނެވެދިޔަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ޤަރާރާ ގުޅިގެން 20 ފެބްރުއަރީ 2018 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ދެވަނަ ޚާއްޞަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން އެ ޤަރާރު ފާސްކޮށް އެ ޤަރާރުގެ މުއްދަތަށް 30 ދުވަސް އިތުރުކޮށް ނިންމާފައިވާ ބަޔާންވެދިޔަ ނިންމުންތަކަކީ ދުސްތޫރީ ގޮތުން ސައްޙަ ނިންމުންތަކެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ." ސުޕްރީމް ކޯޓުން މަޖިލީހަށް އެރުވި ލަފާގައި ބުނެފައިވެއެވެ.



ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 11ވަނަ ބާބަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދީފައިވާ ބާބެވެ.

ޤާނޫނު އަސާސީގެ 95ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުގައި ކަން އޮތްގޮތާއި މެދު އުފެދޭ މުހިންމު ސުވާލުތަކާއި މެދު ނުވަތަ ޤާނޫނީ ގޮތުން ކަމެއް އޮތް ގޮތާއި މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ސުޕްރީމް ކޯޓަށް ހުށަހެޅި ދާނެ ކަމަށެވެ. އެގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ޤާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ޤާނޫނެއްގެ ޞައްޙަކަމާއި މެދު އުފެދޭ ސުވާލުތައް ހިމެނޭނެ ކަމަށާއި އެ ފަދަ ކަންކަމަށް ސުޕްރީމް ކޯޓުން ދޭ ލަފާ ބިނާކޮށްފައިވާ ސަބަބުތައް ބަޔާން ކުރުމާއިއެކު އެ ލަފާ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެ ކަމަށްވެސް ޤާނޫނު އަސާސީގެ 95ވަނަ މާއްދާގައި ބުނެފައިވެއެވެ. 

އަދި އެ ލަފާ އޮންނާންވާނީ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެ ކޯޓުން ނެރޭ ޙުކުމްތަކާއި އެއްފަދައިން ކަމަށްވެސް ޤާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ލަފާ ހޯދުން ކަމަށް ބުނެފައިވާ މާއްދާގައި ބުނެފައިވެއެވެ.