ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ޖުލައި މަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޕީ.އެސް.އެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ފަށާފައިވާކަމަށެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ތައްޔާރީތަކާކާއެކު އިންތިޚާބު ބާއްވާނެކަމަށް އަކްރަމް ވިދާޅުވިއެވެ. މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ރަސްމީކޮށް އިޢުލާންކޮށް، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނެކަން އޭނާ ފަހަގަކުރެއްވިއެވެ.
"ރިޔާސީ އިންތިޚާބަށް ހުޅުވާލަށް މަސައްކަތް ކުރަންމިދަނީ ޖުލައިމަހުގެ ތެރޭގައި. އަދި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން މިދަނީ އޮގަސްޓް މަހުގެ ފަހުކޮޅު، ނުވަތަ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު" އަކްރަމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ބައިނަލްއަޤްވާމީ އެކި ޖަމާއަތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ބަލައިގަނެ މަރުޙަބާ ކިޔާފައިވާކަން އޭނާ ފަހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ވާނީ މިދިޔަ ހަފްތާ ތެރޭގަ އިންތިޚާބާ ގުޅުންހުރި ބޮޑެތި މުއައްސަސާތަކާއެކު މަޝްވަރާތައް ކުރިއަށްގެންގެވިފަ. ހަމަ އެހެންމެ ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މިކަމާ ގުޅުންހުރި ބައްދަލުވުން ބޭއްވިފަ. އިއްޔެގެ ކުރިންދުވަހު އދ.ގެ އޮފިޝަލާ ވާނީ ބައްދަލުކޮށްފަ. އަދި މިއަދު ވާނީ އީޔޫގެ މަންދޫބޫންނާވެސް ބައްދަލުކޮށްފަ." އަކްރަމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ވާނެކަމުގެ ފުރިހަމަ ޔަޤީންކަން ކޮމިޝަންގެ މެމްބަރުންގެ ފަރާތުން ދިވެހި އެންމެހައި ރައްޔިތުންނަށް ދޭކަމަށް އިކެލްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި މި އިންތިޚާބަކީ ދެފުއްފެންނަ އިންތިޚާބަކަށް ވާނެކަމުގެ ޔަޤީންކަން އަކްރަމް ދެއްވިއެވެ.
"އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ރައްޔިތުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، މިކޮމިޝަނުން މިއަހަރު މިބާއްވާ ރިޔާސީ އިންތިޚާބު ވެގެންދާނީ، މިނިވަން، އިންސާފުވެރި، ހާމަކަންބޮޑު، އަދި ދެފުށްފެންނަ އިންތިޚާބެއް ގޮތުގަ ކަން. އަޅުގަނޑުމެން އިންތިޚާބަށް ކުރާ ހުރިހާ މަސައްކަތެއްވެސް ގެންދާނީ މިދެންނެވި މަގަށް އިންތިޚާބު ދާނެގޮތަށް." އަކްރަމް ވިދާޅުވިއެވެ.
މިދިޔައަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްވެސް މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ކުރިއަށްގެންގޮސްފައިވާތީ ބައިނަލްއަޤްވާމީ އެކި ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ތައުރީފްކޮށްފައެވެ.