ސިޔާސީ

މަޖިލީހަށް ވަންނަން މަސައްކަތް ކުރަނީ ވަކި މަންޒަރެއް ދެއްކުމަށް


ރައްޔިތުންގެ މަޖިލީހަށް ވަނުމަށް ކޮންމެ ދުވަހު އިދިކޮޅު މެމްބަރުން މަސައްކަތް ކުރަމުންދަނީ، ބޭރުގެ ފަރާތްތަކަށް ވަކި މަންޒަރެއް ދެއްކުމުގެ މަޤްޞަދުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ވަނުމަށް އިދިކޮޅު މެމްބަރުން މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ނަން ކިލަނބުކޮށް، ބޭރުގެ ފަރާތްތަކަށް ވަކި މަންޒަރެއް ދެއްކުމުގެ ނިޔަތުގައި ކަމަށެވެ. އަދި މިއީ ދިވެހި ދައުލަތާމެދު އިޚްލާސްތެރިކަމެއް ހުރި ބަޔަކު ކުރާނެކަމެއް ނޫންކަމަށް ނިހާން ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މަޖިލީހަށް ވަންނަންޖެހޭ އެއްވެސް މަސައްކަތެއް މަޖިލީހުގައި މިހާރު ހިނގަމުން ނުދާކަމަށް ނިހާން ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިއަދު ބާއްވަން އުޅުނު ބޮޑު އެއްވުމުގައި ބައިވެރިވުމަށް އެއްވެސް މީހަކު މާލެ އައިސްފައި ނުވުމުން ދޭހަވަނީ އެމީހުން ކުރާ މަސައްކަތްތައް ރައްޔިތުން ބަލައި ނުގަންނަކަންކަމަށެވެ. އަދި މަގުމަތީގެ އަމާންކަން ނަގާލުމަކީ ދިވެހިރައްޔިތުން އެދޭ ކަމެއްނޫންކަން މިކަމުން ހާމަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މެދުގައި ބައިބައިވުން އުފެދިފައިވާކަމަށެވެ.

ޕީޕީއެމްގެ ތަރުޖަމާނު ޢަލީ ޢާރިފް ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ ދެފުއްދެގޮތް ސިޔާސަތު ތަކެއް ގެންގުޅޭ ބައެއްކަމަށެވެ. އަދި މުޒާހަރާތަކާއި އެއްވުންތަކަށް ޢާންމު ރައްޔިތުން ނެރުމަށްފަހު، އިދިކޮޅުގައި އިސްކޮށްތިބޭ މީހުން ފިލައިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕީޕީއެމުން ވަނީ މަގުތައްމައްޗަށް ނިކުތުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާ ގޮވާލުންތަކަށް އެއްވެސް ރައްޔިތަކު އިޖާބަ ނުދިނުމަށް ގޮވާލާފައެވެ.