ޚަބަރު

ރިޔާޒަށް އެމްޑީޕީން ކުރި ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ސިޓީ ލިޔުއްވީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަދި މިހާރު ކިނބިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒު ކަމަށް އިދިކޮޅު އެމްޑީޕީން މީގެކުރިން ތުހުމަތުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ އޭރު އެމްޑީޕީން ކުރަމުންދިޔަ ތުހުމަތުތަކަށް ޢަބްދުﷲ ރިޔާޒު ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދު މިފަދަ ވާހަކަތަކުގެ ހަޤީޤަތް އޮޅިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ސަޢީދު ވިދާޅުވީ އެބޭފުޅުން ބޭނުންވާ ގޮތަކަށް ކަމެއް ކުރަން ބޭނުންވާ ހިނދެއްގައި ކުރިން ދެއްކެވި ވާހަކަތައް ހަނދާންނެތި ހަތުރުން މިތުރުންނަށް ވެފައިވާ ކަމަށެވެ. 

"ޤައުމުގެ ވަކި މަޤްޞަދެއް ޙާޞިލްކުރުމަށް މި މީހުން ބޭނުންވާ ގޮތަށް ކަމެއް ބައްޓަން ކޮށްލަންވީމަ ފްރެންޑްސް. ކޮބައިތޯ ޒިންމާދާރުވެވިފައި. އިއްޔެ ހަމަ ކަނޑި ހިފައިގެން ހަނގުރާމަ ކުރަމުންދިޔަ ބާޣީއެއް މިއަދު ފްރެންޑްސް. ވަރަށް ކޫލް ދެއްތޯ. ވަރަށް ސަޅި އެގޮތް. އެހެންވީމަ އެއްވެސް ވަރެއްގެ ޒިންމާދާރު ކަމެއް ނެތި ސިޔާސީ ލީޑަރުން ޙަރަކާތްތެރިވުން ހުއްޓާލަން ވެއްޖެއޭ. މިއަދު އެއީ ފެޝަނެއް ނޫނޭ އިނގޭތޯ،" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކުވެސް ވަނީ ޢަބްދުﷲ ރިޔާޒު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވިއިރު ހިނގާދިޔަ ބައެއް މުހިއްމު ކަންތައްތަކުގެ ވާހަކަތައް ޙިއްސާ ކުރައްވައި އޭރު ޢަބްދުﷲ ރިޔާޒު ޢަމަލު ކުރެއްވި ގޮތްތަކަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވާ ޢަބްދުﷲ ރިޔާޒު ތެލުގެ ވިޔަފާރި ކުރަމުންދިޔައީ ނަހަމަ ގޮތުގައި ކަމަށް ތުހުމަތުކުރައްވައި، މޫސާމަނިކު ދައްކަވަމުންދާ ވާހަކަތައް ރޭގެ ޕްރޮގްރާމްގައިވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި 8 ފެބްރުއަރީގައި މޫސައަށް ލިބިވަޑައިގެންނެވި އަނިޔާތައް ތަޙްޤީޤް ކޮށްދިނުމަށް އެދި ފުލުހުންގެ މުއައްސަސާއަށް ހުށަހެޅުމުން އެ މައްސަލަވެސް ނުބަލަން ނިންމީ ޢަބްދުﷲ ރިޔާޒު ކޮމިޝަނަރ އޮފް ޕޮލިސްކަމުގެ މަޤާމުގައި ހުންނަވައިގެންކަމަށްވެސް މޫސާމަނިކު ވިދާޅުވިއެވެ.  

"ސިފައިންގޭގެ އަދި ދިވެހިރާއްޖޭގެ ޕޮލިސް ފޯސްގައި އުޅުއްވާފައި ކޮމިޝަނަރކަން ކުރައްވާފައި ހުންނެވި ބޭފުޅެއް ދެއްތޯ އަޅުގަނޑުމެން އޭރު އިދިކޮޅުގައި ހުރިއިރު ވަރަށް ފާޑުކީ މީހެއް ޕޯޑިއަމްތަކުގައި އެމްޑީޕީ މީހުން ވަރަށް ފާޑުކީ މީހެއް އާދަމް ޒާހިރަކީ. ބްރިގޭޑިއަރ އާދަމް ޒާހިރު. ފުލުހުންގެ ނަމަށް ހުރަސް އަރާ ގޮތަށް ނޫނިއްޔާ ފުލުހުންނަށް ހުތުރުވާ ގޮތަށް އެއްޗެއް ބުނުއްވި އަޑު ދުވަހަކުވެސް އެހިންތޯ. އެތަނުން މިހާޜު ރިޓަޔަރ ކުރެއްވިތާ ކޮން ޒަމާނެއް. އެހެންވީމަ ފޯސަސްގައި ވެރިކަން ކުރައްވަން ތިބޭ ފުލުހުން ކަހަލަ ދާއިރާތަކުގެ ކޮމާންޑު ކުރަން ތިބޭ މީހުންގެ ކޮންމެވެސް ކަހަލަ ލަދު ހަޔާތެއް ހުންނަންޖެހޭނެ ދެއްތޯ،" ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ މޫސަ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި މޫސާ މަނިކު، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒަށް ފާޑު ވިދާޅުވެ ވާހަކަފުޅުދެއްކެވިއިރު މިއަދު ޢަބްދުﷲ ރިޔާޒާއި އަދި އެމަނިކުފާނު ނިސްބަތްވާ ޖުމްހޫރީ ޕާޓީއަށް ބައިތު ހިފައިގެން ސަރުކާރާ ދެކޮޅަށް އެންމެ ބޮޑު އެއް މަސައްކަތްތަކެއް ކުރާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މީގެކުރިން ޢަބްދުﷲ ރިޔާޒަށް ފާޑުވިދާޅުވެ ވަރަށްގިނަ ވާހަކަފުޅުތަކެއް ދައްކަވާފައިކަން ފާހަގަކުރެވެއެވެ. 

"އަޅުގަނޑުމެންގެ ޤައުމީ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެވުނު އެއް ކަންތައް އެއީ ރާއްޖެ ޓީވީ ރޯކޮށްލުމުގައި ޢަބްދުﷲ ރިޔާޒުގެ އަތެއް ވޭތޯ އެކަން [ރާއްޖެޓީވީ ރޯކޮށްލުން] ތަހްޤީޤް ކުރެވޭނެ ގޮތެއް. އަޅުގަނޑުމެން [އެމްޑީޕީން] ޤަބޫލުކުރައްވާ ގޮތުގައި ފުލުސް އޮފީހަށް ޤާނޫނާއި ޚިލާފަށް ވެރިވެ ހުންނަވާ ފުލުސް އޮފީސް މެދުވެރިކޮށްގެނެއް އެ މަޢުލޫމާތު ހޯދޭކަށެއް ނެތް،" 2013ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ އަށްވަނަ ދުވަހު މީޑިއާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް ތަފާތު އެކި ފޯރަމްތަކުގައި ކުރީގެ ރައީސް ނަޝީދާއި އިދިކޮޅު އެމްޑީޕީގެ އިސް ސަފުގައި ޙަރަކާތްތެރިވި ގިނަ ބޭފުޅުން ވަނީ ޢަބްދުﷲ ރިޔާޒު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ދުވަސްވަރު ހިންގެވި ޢަމަލުތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެެވެ.