ކުޅިވަރު

ކިންގްސް ބީސީ އެމްބީއޭ ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް


އެމްބީއޭ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ކިންގްސް ބީސީ ޖާގަ ހޯދައިފިއެވެ. 

ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް ހޯދީ ގްރޫޕް ސްޓޭޖުގައި އެޓީމް ކުޅުނު ތިންވަނަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށްގެންނެވެ. ކްލަބް އެޗްޑީސީއާއި ވާދަކުރި މެޗު ކިންގްސް ކާމިޔާބުކުރީ 124-66 ޕޮއިންޓުންނެވެ، މުޅި މެޗު ލީޑްގައި އޮވެ ކުޅުނު ކިންގްސްއަށް މި މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ރިފްޝާން ރަޝީދުއެވެ. އޭނާ ޓީމަށް 28 ޕޮއިންޓް ހޯދައިދިނެވެ. އެޗްޑީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 19 ޕޮއިންޓް ހޯދައިދިން އާސިފް އިބްރާހިމްއެވެ. 

އެޗްޑީސީވަނީ މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައެވެ. ކިންގްސްވަނީ ގްރޫޕް ސްޓޭޖުގައި އެޓީމް ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗު ކާމިޔާބުކުރީ ރެޑްވިންގްސް ބީސީއެވެ. ޑަބްލިއު ސްޕޯޓްސް އެކަޑަމީއާއި ވާދަކޮށް ރެޑްވިންގްސް ބީސީ މެޗު ކާމިޔާބުކުރީ 76 ޕޮއިންޓް 65 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ރެޑްވިންގްސްގެ މުޙައްމަދު ޒީދާން ނައީމްއެވެ.