ޚަބަރު

އަސްކަރިއްޔާގެ ސަފުތައް އޮތީ ބަދަހިކޮށް - އެމްއެމްޑީއެފް


ދިވެހި އަސްކަރިއްޔާ އޮތީ ބަދަހި ސަފުތަކެއްގެގޮތުގައި ކަމަށާއި، މި ސަފުތަކުގެ ބަދަހިކަން ގެއްލޭ ގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ޤައުމީ ދިފާޢީ ބާރުން ގޮވާލައިފިއެވެ. 

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ރާއްޖޭގައި މިވަގުތު އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ބައެއް ފަރާތްތަކުން ޝޯޝަލް މީޑިއާގައި ވަކިވަކި ސިފައިންނާ ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަތައް ފަތުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ގެއްލުވާލަން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި  ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭފަދަ ގޮތަކަށް ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތު ފަތުރަމުންދާކަމަށްވެސް އެމްއެޑީއެފްގެ ބަޔާނުގައިވެއެވެ.

ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދާ ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އެމްއެންޑީއެފްގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. އަދި ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލާޒިމުކުރާ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ނެރުނު ބަޔާނުގައިވެއެވެ.

ދިވެހި އަސްކަރިއްޔާއާއި ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަ ނުދެއްކުމަށް ގޮވާލާފައިވާއިރު ދިވެހި ފުލުހުންނާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތައްވެސް ފުލުހުން ވަނީ ދޮގުކޮށްފައެވެ. 

އިރާޤާއި ސޫރިއާގައި ހިގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެއައި ބައެއް މީހުން ފުލުހުންގެ ގޮތުގައި މަސައްކަތްކުރާކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ، ޓައިމްސް އޮފް އިންޑިއާއަށް ދެއްވި އިންޓަރވިއުއަށް ރައްދު ދީ ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ނަޝީދުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އިރާޤާއި ސޫރިއާގެ ހަނގުރާމާގައި ބައިވެރިވި އެއްވެސް މީހަކު ފުލުހުންގެ އިދާރާގައި މަސައްކަތް ކުރަމުންނުދާކަމަށެވެ. އަދި ނަޝީދުގެ އެ ވާހަކަތަކީ އެއްވެސް ހަޤީޤަތެއް ނެތް އަމިއްލަ ފައިދާއަށްޓަކައި ދެއްކެވި ވާހަކަތަކެއްކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި ފުލުހުންނާއި ގުޅޭގޮތުން ހަޤީޤަތާޚިލާފު ވާހަކަތައް ފަތުރަަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.