ޓުއަރގައިޑްގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޚާއްޞަ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ، (ޓިވެޓު)އިން ހުޅުވަލައިފިއެވެ.
ޓިވެޓުން ބުނީ 2018 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ޓުއަރގައިޑް ޓްރެއިނިންގެ ފުރަތަމަ ބެޗްގެ ކިޔެވުން މިމަސް ނިމުމުގެ ކުރިން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
މިޕްރޮގްރާމް ފުރިހަމަކޮށް، ފާސްވާ ފަރާތްތަކަށް ލިބެނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމް.ކިއު.އޭ) ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއްކަމަށް ޓިވެޓުން ބުންޏެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ދޫކުރާ ޓުއަރ ގައިޑް ފާހަށް ހުށަހެޅުމުގެ ތަޢުލީމީ ޝަރުތުހަމަވާނެއެވެ.
ސަރުކާރުން ހިލޭ ހިންގާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޓިވެޓްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވޭނެއެވެ. އެޕްލިކޭޝަން ފޮނުވުމުގެ ސުންގަޑިއަކީ 2018 ފެބްރުއަރީ 15 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. މި ތަމްރީނު ޕްރޮގްރާމުގެ ކިޔެވުން އާންމުކޮށް އޮންނާނީ އިރުއޮއްސި 6 އާއި ރޭގަނޑު 10 އާއި ދެމެދުއެވެ.