ތުރުކީވިލާތުގެ ސޫމާ ސަރަހައްދުގެ ބޯޓުދެލި ނަގާ މައިނެއްގައި މިދިޔަ އަންގާރަދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ދުއިސައްތައަށްވުރެ ގިނަމީހުން މަރުވުމާ ގުޅިގެން އެސަރަހައްދުގެ އެތަށް ސަތޭކަ ބަޔަކު ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާނާ ދެކޮޅަށް ރުޅިވެރިކަމުގެ ޝުޢޫރުތައް ފާޅުކޮށް އޭނާއަށް ޙަމަލާދިނުމަށް މަސައްކަތްކޮށްފިއެވެ.
މިހާދިސާ ހިނގި ސޫމާ ސަރަހައްދަށް އުރުދުޣާން އިއްޔެ ވަޑައިގަތުމުން އެތަށް ސަތޭކަ ބަޔަކު ވަނީ ރުޅިވެރިކަމާއެކު އުރުދުޣާންގެ ކާރުކޮޅު ވަށާލައި އޭނާއަށް ޙަމަލާދިނުމަށް މަސައްކަތްކޮށްފައެވެ. ތުރުކީވިލާތުގެ މީޑިޔާ ބުނާގޮތުން އުރުދުޣާނަށް ހަމަލާދޭން މަސައްކަތްކޮށްފައިވަނީ މައިން ގޮވުމުގެ ހާދިސާގައި މަރުވި މީހުންގެ ޢައިލާތަކަށް ނިސްބަތްވާ ބައެއް މީހުންނާއި އެމީހުންގެ ރަހުމަތްތެރިންނާއި މި ހާދިސާގައި ތުރުކީ ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ދެކެ ސަރުކާރުދެކެ ވަރަށްބޮޑަށް ރުޅިއައިސްފައިވާ މީހުންނެވެ.
އުރުދުޣާން، ސޫމާ ސަރަހައްދަށް ޒިޔާރަތް ކުރެއްވީ އަލިފާން ރޯވުމުގެ ސަބަބުން ގޮވާފައިވާ މައިންގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށާއި އެހާދިސާގައި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކުރެއްވުމަށެވެ. މިމައްސަލާގައި ރުޅިއައިސްފައިވާ އެތަށް ސަތޭކަ ބަޔަކުވަނީ ސޫމާގައި ތުރުކީ ފުލުހުންނާއި ކުރިމަތިލައި ފުލުހުންނަށްވެސް ހަމަލާދޭން މަސައްކަތްކޮށްފައެވެ.
މިހާދިސާއާގުޅިގެން ތުރުކީ ސަރުކާރުންވަނީ ތިންދުވަހުގެ މުއްދަތަށް ގައުމީ ހިތާމަ އިޢުލާންކޮށްފައެވެ. އަދި ތުރުކީވިލާތުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ މިހާދިސާއާ ގުޅިގެން ތިންދުވަހުގެ މުއްދަތަށް ގައުމީ ފެންވަރުގައި ހިތާމަ އިޢުލާންކޮށް ތުރުކީގެ ހުރިހާ ކަންކޮޅުތަކެއްގައި އެގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އަމުރުކޮށްފައެވެ.