މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ބޭނުންވާ ޚާއްސަ އިކުއިޕްމަންޓްތަކެއް ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމްޢިއްޔާ ޑަބްލިއުއެޗްއޯ އިން ހަދިޔާކޮށްފިއެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ހެލްތްމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިހުންނަ މަންދޫބު ޑރ.އަރްވިންދު މާތޫރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރު ވިދާޅުވީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކީ ޤާނޫނުގެ ދަށުން އެކުލަވާލައިގެން ހިންގާ ސެންޓަރެއްކަމަށާ، ޑަބް.ލިއު.އެޗްއޯއިން ހަދިޔާކުރި އިކުއިޕްމަންޓްތަކަކީ މިސެންޓަރުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ދިން ވަރަށްބޮޑު އެހީއެއްކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކާ ފަސޭހައިން ގުޅިފައިވާގޮތެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން މިފަދަ ސެންޓަރުތަކުގައި ހުރުމަކީ މުހިންމުކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ކަމުން މިތަކެތީގެ ސަބަބުން އެސެންޓަރުގެ ހިންގުމާއި އިމަޖެންސީ ޙާލާތްތަކުގައި ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަގަނޅުވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ.އަރްވިންދް ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ތާރީފް ކުރައްވާފައެވެ. އަދި ކުރިޔަށް އޮތްތާގައިވެސް ޑަބްލިއުއެޗްއޯއިން އެކި ދާއިރާތަކުން އެހީތެރިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯ އިން ހަދިޔާކުރި މިއިކުއިޕްމަންޓްތަކުގެ ތެރޭގައި ބަލިމަޑުކަމުގެ ޙާލަތުގައާއި، ދިމާވެދާނެ ގުދުރަތީ ކާރިޘާތަކުގެ ޙާލަތުގައި ޢާންމުންނަށް ސިއްޙީ ރައްކާތެރިކަން ލިބިދިނުމަށްޓަކާ ބޭނުންވާނެ މުހިންމު ތަކެތި ހިމެނެއެވެ. މީގެ ތެރޭގައި އިމަރޖެންސީ ޖެނެރޭޓަރާއި ސެޓަލައިޓް ފޯނާއި ޕޯޓަބަލް ސެޓަލައިޓް ވައިފައި މޮޑެމް އާއި ޓެލެކޮންފަރެންސަށް ބޭނުންކުރާ ޚާއްސަ އިކުއިޕްމަންޓްތައް ހިމެނެއެވެ.