ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިވުން މުހިންމު- ޕީޖީ


ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހަމައެކަނި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހޭލުންތެރިވުމަކުން ނުފުދޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ އައިޝަތު ބިސާމް ވިދާޅުވެއްޖެއެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ކެމްޕެއިން ފައްޓަވައި ދެއްވުމަށް ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީޖީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް، ހަމައެކަނި ޤާނޫނު ތަންފީޒު ކުރަންތިބި ފަރާތްތައް އެކަނި އަހުލުވެރިވުމަކީ، އެންމެން އެދޭ ގޮތަށް ވަށާޖެހޭ ގޮތަށް ޤާނޫނު ތަންފީޒު ވާނެ ގޮތެއް ނޫންކަމަށެވެ. އަދި ވަކި ބަޔަކު ޤާނޫނަށް އަހުލުވެރިވުމުން، ޤާނޫނުން ލިބޭ ރައްކާތެރި ކަމަށް އިންތިޒާމީ ގޮތެއްގައި ވަކި އުޞޫލުތަކެއްގެ މައްޗަށް ތަރުތީބު ކުރެވިފައިވާ ޤާނޫނުގެ އިޖުރާއަތްތަކުގެ ފޮނި މީރުކަން އެންމެނަށް އިޙްސާސް ކުރުމުގެ ފުރުޞަތު ނުލިބޭނެ ކަމަށެވެ.

"މި ދަންނަވާ ކަންކަން ޙާޞިލް ވާނީ ޤާނޫނު ތަންފީޒުކުރަން ތިބި ފަރާތްތަކުން ޤާނޫނަށް އަހުލުވެރިވުމާއި އެކު ޤާނޫނު އެބަޔަކަށް ހިންގޭ ފަރާތްތަކަށްވެސް މި ޤާނޫނުގައި އޮތް އެއްޗެއް އެނގިގެން،" ޕީޖީ ބިސާމް ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ބިސާމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތެރެއިން އެތައް ތަޖުރިބާތަކެއް ޤާނޫނަށް އަމަލު ކުރަން ފެށިތާ ހަތް މަސް ދުވަހުގެ ތެރޭގައި ކުރެވިފައިވާ ކަމަށެވެ. އެގޮތުން މި ޤާނޫނަކީ ގިނަ ބަދަލުތަކެއް ގެނުވި ޤާނޫނެއް ކަމަށާއި އަދި ޤާނޫނަށް ޢަމަލު ކުރަން ފަށާތާ ފުރަތަމަ ދުވަސްކޮޅު ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވުމަކީ އެންމެންވެސް ޤަބޫލުކުރާނެ ކަމެއް ކަމަށެވެ.

"ޤާނޫނަށް އަމަލު ކުރަން ފެށިގެން ހިނގާ މިދިޔަ މުއްދަތުގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު ފެށުމުގައި އުނދަގޫ ކަމެއް ހުރިނަމަވެސް އެކި ފަރާތްތަކުގެ މައްޗަށް ތުހުމަތުތަކެއް ކުރެވިގެން ކުރިއަށް ގެންދެވޭ ޖިނާއީ މައްސަލަތައް އެކި މަރުޙަލާގައި ނުނިމި ގިނަ ދުވަސްވީ މައްސަލައަކީ ޙަޤީޤަތެއް ކަމުން އެކަމަށް ޙައްލެއްގެ ގޮތުން ކަންކަން ނިންމުމަށް މުއްދަތުތަކެއް ޤާނޫނޫން އިންތިޒާމްވެގެން ދިއުމަކީ މި ޤާނޫނުން {ޖިނާއީ އިޖުރާއަތުގެ ޤާނޫނު} ދިން ވަރަށް މުޙިއްމު ޙައްލެއް" ޕީޖީ ބިސާމް ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ބިސާމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަމަލު ކުރަން ފެށުމާއެކު އެ އޮފީހުގައި މަސައްކަތް ކުރާ ދަޢުލަތުގެ ހުރިހާ ވަކީލުންނަށް ޤާނޫނަށް އަހުލުވެރި ކުރުވާފައިވާނެ ކަމަށެވެ.