ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފުގެ މައްސޫލިޔަތާ ގުޅޭގޮތުން ސުވާލު އުފެދޭ ގޮތައް މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް ހައްޔަރުކޮށް އެ މައްސަލަ ބެލުމުން ސީޕީ އަރީފް އެކަހެރިކޮށްފައިވާކަމަށް ބުނެ މީޑިއާގެ ދެކެވޭ ވާހަތަކާއި ގުޅިގެންނެވެ.
ފުލުހުން ބުނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފު ހުންނެވީ އޭނާގެ ފުރިހަމަ އިޚްތިޔާރާއިއެކުކަމަށާއި ފުލުހުންގެ ހުރިހާ މަސައްކަތެއް ކުރިޔަށްދަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ ކޮމާންޑުގެ ދަށުން ކަމަށެވެ. އަދި އެމުއައްސަސާގެ މަސައްކަތް ކުރިއަށްދަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ ބެއްލެވުމުގެ ދަށުންކަމަށާއި އެއިދާރާގެ ތެރޭގައި އެއްވެސް ނުތަނަވަސްކަމެއް ނެތްކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ހިންގާ ބޮޑެތި ތަހުޤީޤުތަކަކީ އަބަދުވެސް ޚާއްޞަ ޓީމްތައް ނަގައިގެން ކުރިއަށް ގެންދާ ތަހުޤީޤުތައްކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މެންބަރު ފާރިސް މައުމޫނުގެ މައްސަލަވެސް ކުރިޔަށް ގެންދަނީ ޚާއްޞަ ޓީމެއް ނަގައިގެން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.