ޚަބަރު

ލޭ ހަދިޔާކުރަންޖެހޭ މުއްދަތު އެނގޭނެ ފަސޭހަ ގޮތެއް ހަމަޖައްސަނީ


ދިވެހިންގެ މެދުގައި އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުން ޕްރޮމޯޓްކޮށް، އާންމުކޮށް ލޭ ހަދިޔާ ކުރާ މީހުންނަށް، އެމީހަކު ލޭ ހަދިޔާކުރަންޖެހޭ މުއްދަތު އެސް.އެމް.އެސްއެއް މެދުވެރިކޮށް އެނގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު.އެޗް.އޯއާއި ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާ މިއިންތިޒާމް މިއަހަރުގެ ތެރޭގައި ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެއެވެ.

ރާއްޖޭގައި ތެލެސީމިއާ ބަލި ކޮންޓްރޯލްކޮށް، އެބަލި ތަޙައްމަލުކުރަމުންދާ ކުދިންނާއި މީހުންނަށް ބޭނުންވާ ލޭ ހޯދުމާއި، އެފަދަ ކުދިންނަށް ބޭނުންވާ ފަރުވާގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އެއް ފަރާތަކީ މޯލްޑިވިއަން ބްލަޑް ސަރވިސަސް، އެމް.ބީ.އެސްއެވެ. އެމް.ބީ.އެސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ސަރވިސަސްއިން އެކުލަވާލާފައިވާ ތެލެސީމިއާ މީހުންގެ ދަފްތަރުގައި މިހާތަނަށް 861 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެތެރެއިން މިހާރު ދުނިޔޭގައި ތިބީ 623 މީހުން ކަމަށް އެމް.ބީ.އެސްއިން ބުނެއެވެ.

ކޮންމެ ޤައުމެއްގައިވެސް ދިރިއުޅޭ އާބާދީގެ މަދުވެގެން އެކެއް އިންސައްތަ މީހުން، ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަކީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއު.އެޗް.އޯގެ ލަނޑުދަނޑިއެކެވެ. ރާއްޖެއިން މި މި ލަނޑުދަނޑި ހާސިލްކޮށްފައިވާއިރު، ރާއްޖޭގައި ލޭ ހޯދުމުގައި އަދިވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަމިއްލައަށް އިސްނަގައިގެން، ނުވަތަ ދަރުމައަށް ލޭ ހަދިޔާކުރާ މީހުންގެ އަދަދު މަދުވުންކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޓިއެޓްރިކްސް ޑރ. އަޙްމަދު ޢުމަރު ވިދާޅުވީ، ރާއްޖޭގައި ދަރުމައަށް ލޭ ހަދިޔާކުރާ މީހުންގެ ނިސްބަތް އިތުރުވަމުންދިޔަ ނަމަވެސް، ލޭ ހަދިޔާ ކުރުމަކީ މީހަކު އެކަމަކަށް އެދި އާދޭސްކުރުމުން ކޮށްދޭންޖެހޭ ކަމެއްގެގޮތުގައި ސިފަކުރާ މީހުން އަދިވެސް މަދެއް ނޫންކަމަށެވެ. 2020 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ހުރިހާ ބްލަޑް ބޭންކްތަކަކަށް އެއްކުރެވޭ ލެއަކީ 100 އިންސައްތަ ދަރުމައަށް މީހުން ހަދިޔާކޮށްފައިވާ ލޭކަމަށް ހެދުމަކީ ޑަބްލިޔު.އެޗް.އޯގެ ވަރަށް މުހިއްމު ތަޞައްވުރެކެވެ. ރާއްޖޭގައި އަދި މި ނިސްބަތް އުޅޭނީ 33 އިންސައްތައިގައެވެ. 

ޑރ. ޢުމަރު ވިދާޅުވީ ރާއްޖޭގައިވެސް ދަރުމައަށް ލޭ ހަދިޔާކުރުން ޕްރޮމޯޓްކޮށް، ތެލެސީމިއާއާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް އެ ސަރވިސަސްއިން މިއަހަރުގެ ތެރޭގައިވެސް ތަފާތު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިހާރުވެސް ޤަވާއިދުން ލޭ ހަދިޔާކުރާ ބޭފުޅުންނަށް އެބޭފުޅަކު ލޭ ހަދިޔާކުރަންޖެހޭ މުއްދަތު އެސް.އެމް.އެސް އެއް މެދުވެރިކޮށް ހަނދުމަށްކޮށްދިނުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިފަދަ ނިޒާމެއް ޤާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ދަރުމައަށް ލޭ ހަދިޔާކުރުމުގެ ސަޤާފަތެއް ދިވެހިންގެ ތެރޭގައި އުފެއްދުމަށް އާއްމުންނަށް ހިތްވަރު ދިނުންކަމަށްވެސް ޑރ. ޢުމަރު ވިދާޅުވިއެވެ.

"ވަރަށް ކައިރި މުސްތަޤުބަލެއްގެ ތެރޭގައި އަޅުގަނޑުމެން ގަސްތުކުރަން އެބަ އެސް.އެމް.އެސް މެދުވެރިކޮށް ޑޯނަރުންނަށް ރިމައިންޑަރއެއް ދިނުމުގެ ޚިދުމަތް ފެށޭތޯ. މިކަމުގެ މައިގަނޑު މަޤްޞަދަކީ މިހާރު އެބޭފުޅަކަށް ލޭ ދެވޭނެކަން ހަނދުމަކޮށްދިނުން. ބައެއް ފަހަރު އަޅުގަނޑުމެންނަށް އެބަފާހަގަކުރެވޭ ޑޯނަރުން އައިސް ބުނޭ ލޭ ދޭންޖެހޭ މުއްދަތު ހަމަވިކަން ނޭނގިފަހުރިކަމަށް. ކުއްލިއަކަށް ކާޑު ބަލާލީމައޭ އެކަން މިއެނގުނީ. އެހެންވީމަ އަޅުގަނޑުމެން އެބަ ގަސްތުކުރަން އެސް.އެމް.އެސްއެއް ފޮނުވާލަން ކޮންމެ ބޭފުޅަކަށްވެސް 3 މަސް ހަމަވީމަ އެބޭފުޅާއަށް މިހާރު 3 މަސް ހަމަވެއްޖެކަން ހަނދާންކޮށްދީ އަނެއްކާ ލޭ ހަދިޔާކުރެވޭނޭކަން ހަނދާންކޮށްދިނުމަށް ރިމައިންޑަރ މެސެޖެއް ފޮނުވާލަން" ޑރ. އަޙްމަދު ޢުމަރު ވިދާޅުވިއެވެ.

ދުޅަހެޔޮ ސިއްޙަތެއްގައި ހުރި ކޮންމެ މީހަކަށްވެސް ލޭ ހަދިޔާކުރެވިދާނެއެވެ. އަދި މިއީ ވަކި ޖިންސަކަށް އޮންނަ ކަމެއްވެސް ނޫންނެވެ. ލޭ ހަދިޔާކުރުމުގައި މައިގަނޑުގޮތެއްގައި 3 ކަމަށްބަލައެވެ. އެއީ އުމުރުން 18 އަހަރު ފުރިފައިވުން، ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުރުން އަދި އެމީހެއްގެ ހިމޮގްލޮބިން ލެވެލް 12.5 އަކަށްވުރެ މަތީގައި ހުރުން ހިމެނެއެވެ.

ލޭ ހަދިޔާކުރުމަށް އާއްމުންނަށް ހިތްވަރު ދިނުމުގެ ގޮތުން ތަފާތު އެކި ފަރާތްތަކާގުޅިގެން މިދިޔަ އަހަރު އެކަނިވެސް 42 ބްލަޑް ކޭމްޕެއް ކުރިއަށްގެންގޮސްފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެއެވެ. އަދި މިއަހަރުވެސް މިފަދަ ބްލަޑް ކޭމްޕްތަކެއް ކުރިއަށްގެންދިއުމަށް ރޭވިފައި ހުރިކަން އެ ސަރވިސަސްއިން ފާހަގަކުރެއެވެ.