ޚަބަރު

1000 ކޭޝިއަރުން ތަމްރީނުކުރާ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި


1000 ކޭޝިއަރުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ އޮތޯރިޓީން، ޓިވެޓް އޮތޯރިޓީން ހުޅުވާލައިފިއެވެ. މިޕްރޮގްރާމަކީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމެއް ނެތި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް ޓިވެޓް އޮތޯރިޓީން ބުނެއެވެ.

1000 ކޭޝިއަރުން ތަމްރީންކުރުމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ އޮތޯރިޓީން ހިންގާ މި ތަމްރީން ޕްރޮގްރާމްގެ ތިއަރީ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އަދި މިއީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް އެއްވެސް ފީއެއް ދެއްކުމާނުލައި ރަށުގައި ހުރެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށް ޓިވެޓް އޮތޯރިޓީން ބުނެއެވެ. 1000 ކޭޝިއަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރ އަދި ނެޝަނަލް ސެޓްފިކެޓް 4 އިން ކޭޝިއަރ ހިމެނެއެވެ. 

ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކުގައި ބައިވެރިވެވޭނީ ގްރޭޑް 7 ނިންމާފައިވާ ދަރިވަރުންނަށެވެ. ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތަކުގައި ބައިވެރިވެވޭނީ ޖީސީއީ އޯލެވެލް 3 ފާސް ހޯދާފައިވުން ނުވަތަ އެފެންވަރުގެ ސެޓްފިކެޓެއް އޮތުން ނުވަތަ ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރ ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް ޓިވެޓް އޮތޯރިޓީން ހާމަކުރެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޓިވެޓް އޮތޯރިޓީގެ އޮންލައިން އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 25 ޖެނުއަރީގެ ކުރިން އެޕްލިކޭޝަން ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.1000 ކޭޝިއަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ޓިވެޓް އޮތޯރިޓީން މިހާރު ހުޅުވާލާފައިވާއިރު، ބިދޭސީންނަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ދިވެހި ޒުވާނުންނަށް އެކި ދާއިރާތަކުން ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކަށް ބޭނުންވާ ޒުވާނުން ބިނާކުރުމަށް ސަރުކާރުން ދާދިފަހުން ހުޅުވާލި 2050 ސްކޮލަރޝިޕްގެ ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. ޒުވާނުން ބާރުވެރިކުރުވާ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ދިވެހިންގެ ދައުރު ބޮޑުކޮށް، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމްތަކަކީ އަމިއްލަ ފުދުންތެރިކަން އިތުރުކުރަން ބޭނުންވާ ޒުވާނުންނަށް އެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.