2017 ވަނަ އަހަރު ނިމުނުއިރު ދައުލަތަށް ޢާމްދަނީގެ ގޮތުގައި ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް 15.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މިއީ 2017 ވަނަ އަހަރު އާމްދަނީގެ ގޮތުގައި މީރާއަށް ލިބޭނެކަމަށް ލަފާކުރި މިންވަރަށްވުރެ 4.2 އިންސައްތަ އިތުރު ޢަދަދެއްކަމަށް މީރާއިން ބުނެއެވެ.މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، (މީރާ)އަކީ 18 މަރޗް 2010 ގައި ތަޞްދީޤު ކުރި "ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު"ގެ ދަށުން އުފެއްދި މުއައްސަސާއެކެވެ. މީރާއިން އަދާކުރާ މައިގަނޑު މައްސޫލިއްޔަތުތަކުގެ ތެރޭގައި ޓެކުހާބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި، ޓެކުހާބެހޭ ސިޔާސަތުތައް ހިންގުން ހިމެނެއެވެ. ހަމައެހެންމެ ޤާނޫނީގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން ހިމެނެއެވެ. އެގޮތުން ދައުލަތަށް ނަގާ އާމްދަނީ ވީހާވެސް ފުރިހަމަގޮތެއްގައި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ބަލައިގަތުމުގައި ހަރަކާތްތެރިވާ، އަދި ޓެކްސް ދައްކާ ފަރާތްތަކަށް ވިހާވެސް ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ފޯރުވައިދިނުމުގައި މީރާގެ އެންމެ ބޮޑު އެއް އަމާޒެވެ.
މި އަމާޒަށް ވާސިލްވުމަށްޓަކާ ފާއިތުވި އަހަރުތަކުގެ ތެރޭގައި މީރާއިންވަނީ ރާއްޖޭގެ ޓެކުހާބެހޭ ނިޒާމް ހަރުދަނާކޮށް، އާއްމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތައް ފުޅާކުރުމަށް ތަފާތު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މީރާއިން 2017 ވަނަ އަހަރު ކޮށްފައިވާ މުހިއްމު މަސައްކަތްތަކާއި، ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީރާގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް، ރެވެނިއު ސަރވިސް، އަޙްމަދު ޝަރީފް ވިދާޅުވީ، ޓެކުހުގެ ނިޒާމް ހަރުދަނާކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ފުޅާކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގައި ފާއިތުވި އަހަރަކީވެސް ކާމިޔާބު އަހަރެއްކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު ނިމުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި މިރާ މެދުވެރިކޮށް 15.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިއީ މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އެ އޮތޯރިޓީން އަންދާޒާކުރި އަދަދަށްވުރެ 4.2 އިންސައްތަ އިތުރުވުމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ފާއިތުވި 2017 ވަނަ އަހަރުގެ ތެރޭގައި މީރާއިން ދިވެހިރާއްޖޭގެ ޓެކްސް ނިޒާމް ހަރުދަނާކޮށް، ފުޅާކުރުމުގައި، އަދި ޓެކްސް ނިޒާމްގެ ހިދުމަތް ހޯދަންޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ނުވަތަ ޓެކްސް ދައްކާ ފަރާތްތަކަށް ލިބުމުގައި ފަސޭހަގޮތްތަކެއް ހޯދުމުގައި ކުރަމުންދިޔަ މަސައްކަތްތަކަށް ބޮޑެތި ކާމިޔާބީތަކެއް މިވަނީ ލިބިފައި. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން 2017 ވަނަ އަހަރު ނިންމާލިއިރު އާމްދަނީގެ ގޮތުގައި ދައުލަތަށް 15.2 ބިލިއަން ރުފިޔާ މިރާ މެދުވެރިކޮށް މިވަނީ ލިބިފައި. މި އަދަދަކީ 2017 ވަނަ އަހަރު ލިބޭނެކަމަށް އަޅުގަނޑުމެން އަންދާޒާކުރި އަދަދަށްވުރެ 4.2 އިންސައްތަ އިތުރު ޢަދަދެއް. އަދި މިއީ 2016 ވަނަ އަހަރާއި އަޅާބަލާއިރު، %4.5 އިތުރު ޢަދަދެއް. އެހެންވީމާ އާމްދަނީގެ ގޮތުން ބަލާއިރު 2017 ވަނަ އަހަރު ނިމިގެން މިދިޔައީ ވަރަށް ކާމިޔާބުކޮށް. ފޯކާސްޓްކުރި ވަރަށްވުރެ އިތުރު އާމްދަނީއަކާއެކު" އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް، ރެވެނިއު އަޙްމަދު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ޓެކްސް ދައްކާ ފަރާތްތަކަށް ނުވަތަ އާއްމު ރައްޔިތުންނަށް މީރާ މެދުވެރިކޮށް ހިދުމަތްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީއާއި ރައްޓެހި، ލުއިފަސޭހަގޮތްތަކެއް ހަމަޖައްސައިދިނުމަކީ އެ އޮތޯރިޓީން އަބަދުވެސް ހާއްސަ އިސްކަމެއްދޭކަމެއް ކަމަށެވެ. އެގޮތުން މީރާގެ ކައުންޓަރުތަކަށް އޮންނަ ބާރު ކުޑަކޮށް، އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ދެމުން އައި ޚިދުމަތްތައް އެއަށްވުރެއްވެސް ލުއިފަސޭހައިން ލިބޭނޭހެން މޯބައިލް އެޕެއް މިދިޔަ އަހަރުގެ ތެރޭގައި ތަޢާރަފު ކުރެވުމަކީ މީރާއިން ދެމުންދިޔަ ޚިދުމަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.
"މީގެ ކުރިންވެސް އޮންލައިން ސިސްޓަމެއް މިވަނީ ތަޢާރަފުކޮށްފައި. އޮންލައިން ސިސްޓަމެއް މެދުވެރިކޮށް ޓެކުހުގެ ބަޔާން ހުށައެޅުމާއި، ޓެކުހުގެ ފައިސާ ދެއްކޭނެ ނިޒާމެއް މީގެކުރިންވެސް ޤާއިމުކޮށްފައިވާނީ. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވީ އެ ސިސްޓަމަށްވުރެވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން. މީރާއަކީ ހަމައެކަނި ޓެކްސް ބަލައިގަންނަތަނެއް ނޫން. ޓެކުހުގެ އިތުރަށް ދައުލަތަށް ދައްކާ އެހެނިހެން ފީތައް މިސާލަކަށް ޓްރެފިކް ވައިލޭޝަން، ވެހިކަލްތަކުގެ އަހަރީ ފީ، ކުންފުނިތަކުގެ އަހަރީ ފީ، ވިޔަފާރިތަކުން ކޮންމެ މަހަކު ދައްކަންޖެހޭ ޓްރޭޑް ފީ، މިކަހަލަ އެތައް ފީތަކެއް އަޅުގަނޑުމެން އެބަ ބަލައިގަންނަން. މުދަލު ޒަކާތްވެސް އަޅުގަނޑުމެން މިހާރު ބަލައިގަންނަ ގޮތަށް ހަމަޖެހިފައި މިއޮތީ. އެހެންވީމަ، ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިފައިހުރި ތަފާތު ޚިދުމަތްތަކެއް މީރާ މެދުވެރިކޮށް އާއްމުން ހޯދާތީވެ، އަޅުގަނޑުމެން ބޭނުންވީ ޓެކްސްއަށް ހާއްސަކޮށްފައި މިއޮތް މިރާ ކަނެކްޓް އޮންލައިން ޕޯޓަލްގެ އިތުރުން އެއަށްވުރެ ލުއިފަސޭހަގޮތެއްގައިވެސް އަޅުގަނޑުމެންގެ ޚިދުމަތްތައް ލިބޭނެގޮތެއް ހެދުން" އަޙްމަދު ޝަރީފް ވިދާޅުވިއެވެ.މީރާއިން ދެމުން އަންނަ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 2017 ވަނަ އަހަރު ކުދި ވިޔަފާރިތަކަށް ގިނަގުނަ ލުއިފަސޭހަތަކެއް ފޯރުކޮށްދީފައިވާކަން މީރާއިން ފާހަގަކުރެއެވެ. އެގޮތުން ކުދި ވިޔަފާރިތައް މީރާގައި ރަޖިސްޓްރީކުރުމާއި، ބިޒްނަޒް ޕްރޮފިޓް ޓެކްސް ނުވަތަ ބީ.ޕީ.ޓީ ހުށައެޅުމާއި، ބީ.ޕީ.ޓީ ބަޔާން ތައްޔާރުކޮށްދިނުމުގައިވެސް އެ އޮތޯރިޓީން ލުއިފަސޭހަތަކެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.