ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 7000 ހައުސިންގ ޔުނިޓްގެ ތެރެއިން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްސަކޮށްފައިވާ 1000 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާ ހަމަވާނެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރަމުންދާއިރު، މީގެ ތެރެއިން 1000 ހައުސިންގ ޔުނިޓް ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މި 1000 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހައުސިންގ މިނިސްޓްރީން ހުޅުވާލާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ އެއް ވަނަ ދުވަހުއެވެ.
ސޯޝަލް ހައުސިންގ ޔުނިޓްތަކެއްގެ ގޮތުގައި ތަރައްޤީކުރާ މި 1000 ހައުސިންގ ޔުނިޓް ޚާއްސަކޮށްފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މުވައްޒަފުންނަށެވެ. މި 1000 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ކެޓެގަރީ އެކެއްގައި ހިމެނެނީ ފަންނީ އަދި މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނެވެ.
ކެޓެގަރީ އެކަކަށް ޚާއްސަ ކޮށްފައިވަނީ 300 ހައުސިންގ ޔުނިޓެވެ. ދެވަނަ ކެޓެގަރީ އިދާރީ މުވައްޒަފުންނަށް ޚާއްސަކޮށްފައިވާއިރު، މި ކެޓެގަރީއިންވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 300 ހައުސިންގ ޔުނިޓެވެ. ތިން ވަނަ ކެޓެގަރީގެ ޚާއްސަކޮށްފައިވަނީ ސަޕޯޓް ސަރވިސް ލެވެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މި ކެޓެގަރީން ޖުމްލަ 400 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
މި ހައުސިންގ ޔުނިޓްތަކަށް އެދި ކުރިމަތިލާ ސިވިލް ސަރވިސް މުވައްޒަފުންނަށް ޕޮއިންޓް ދިނުމުގައި އެ މުވައްޒަފެއްގެ ތަޢުލީމީ ފެންވަރަށާއި، ސިވިލް ސަރވިސްގައި ހޭދަކޮށްފައިވާ މުއްދަތަށް އިސްކަމެއްދޭނެކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މިއީ ސަރުކާރުގެ ވަކި މިނިސްޓްރީއަކަށް ނުވަތަ ވަކި ވުޒާރާއަކަށް ޚާއްސަކޮށްފައިވާ ފްލެޓްތަކެއް ނޫންކަމަށާއި، ކޮންމެ މިނިސްޓްރީއަކުންވެސް އެންމެ ގިނަވެގެން އެޕްލިކޭޝަން ފޯމް ހުށައެޅޭނެ އަދަދު ކަނޑައަޅާފައިވާނީ އެ ވުޒާރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ނިސްބަތަށް ބަލައިގެންކަމަށްވެސް ހައުސިންގ މިނިސްޓްރީން ހާމަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް މި 1000 ހައުސިންގ ޔުނިޓަށް ހޮވިފައިވާ ފަރާތްތަކުގެ ފައިނަލް ލިސްޓު އާއްމުކޮށް، އެގްރީމެންޓުގައި ސޮއިކުރުމެވެ. މިތަންތަން ދޫކުރާނީ މުވައްޒަފުންގެ މުސާރައިން ވިހާވެސް ލުއިގޮތެއްގައި ފައިސާ ދެއްކޭނެ އުސޫލުންކަމަށާއި، އެކަމުގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.