ޚަބަރު

ބްރިޖް މެދުވެރިކޮށް ބަހުގެ ޚިދުމަތް ދިނުމަށް ތައްޔާރުވަނީ


މާލެއާއި ހުޅުލެއާ ދެމެދު ހަދާ ބްރިޖް މެދުވެރިކޮށް ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިހާރުވެސް ތައްޔާރީތައް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. 

އެމްޕީއެލްގެ އެސިސްޓަންޓް ސީއީއޯ ރާބިޙް މުޙައްމަދު ވިދާޅުވީ ބްރިޖް މެދުވެރިކޮށް ބަހުގެ ޚިދުމަތް ދިނުމާއިގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުން ގެންދާކަމަށެވެ. ރާބިޙް ވިދާޅުވީ ބްރިޖް މެދުވެރިކޮށް މާލެއާއި-ހުޅުލެއާއި އަދި މާލެއާއި-ހުޅުމާލެއާއި ދެމެދު ބަހުގެ ދަތުރުތައް ކުރާނެކަަމަށެވެ. މިކަމަށްޓަކައި 20 ބަސް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޕީއެލް އިން ބުނެއެވެ. މިކަމާއިގުޅޭ އެކި އެކި އިދާރީ މަސައްކަތްތަކާއި ދިރާސާތައް މިހާރު އެމްޕީއެލްއިން ކުރަމުންދާކަމަށް ވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.

ރާބިޙް ވިދާޅުވީ އެ ކުންފުނިންދޭ ބަހުގެ ޚިދުމަތް ފުޅާކުރުމަށް، އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީއަށްވެސް އިތުރު ކުދި ބަސްތަކެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ކުޅުދުއްފުށީގައިވެސް ބަހުގެ ޚިދުމަތް ދިނުމަށް ބަސް ގެންދާނެކަމަށެވެ. ކުޅުދުއްފުށީގައި ފެށަން މަސައްކަތްކުރަނީ ސްކޫލް ބަހުގެ ޚިދުމަތްކަމަށް ރާބިޙް ވިދާޅުވިއެވެ.

ބަސްދަތުރުތަކުގައި ބޭނުންކުރުމަށް ގެންނަ ބައެއް ބަސްތައް މަހެއްހާދުވަސްތެރޭގައި ލިބޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.