ތަޢުލީމު

ތަޢުލީމީ ފުރުޞަތު ހޯދުމަށް ބޭރުގެ ޔުނިވަރސިޓީތަކާއެކު ސޮއިކުރަނީ


ޒުވާނުންނަށް ބޭނުންވާ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބޭރުގެ 5 ޔުނިވަރސިޓީއަކުން ސްކޮލަރޝިޕްގެ ފުރުޞަތު ހޯދުމާއި ގުޅޭ އެއްބަސްވުމެއްގައި މިމަހު ސޮއިކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.



މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ތައުލީމީ ވުޒާރާތަކާއި ގުޅިގެން މިއަހަރުވެސް މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ރާއްޖެއިން ބޭރުގެ 5 ޔުނިވަރސިޓީއަކާއެކު މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާކަން ޑރ. ނަޒީރު ފާހަގަކުރެއްވިއެވެ. އަދި މެލޭޝިއާ ސަރުކާރާއެކު ވެވުނު އެއްބަސްވުމުގެ ތެރެއިންވެސް ދިވެހި ދަރިވަރުންނަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.

"މަތީ ތަޢުލީމު ދިނުމުގައި ހަރަކާތްތެރިވާ އިންސްޓިޓިއުޓްތައް ބާރުވެރިކުރުވާއި، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން މިއަންނަނީ ދެމުން. އަޅުގަނޑުމެން މިދަނީ މިހާރު ރާއްޖެއާއި ރާއްޖޭން ބޭރުގައި މަސައްކަތްކުރާ ކޮލެޖްތަކާއި ޔުނިވަރސިޓީތަކާ އެކީގައި މަޝްވަރާކޮށް ދިވެހި ކުދިންނަށް ސްކޮލަރޝިޕް ސްކީމްތައް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުން. މިމަހުގެ 15 ވަނަ ދުވަހު މިނިސްޓަރ ސޮއިކުރައްވާނެ ބޭރުގެ 5 ޔުނިވަރސިޓީއަކާއި އެކީގައި އެމް.އޯ.ޔޫއެއްގައި. އެއީ ހަމަ މިފަދަ ސްކޮލަރޝިޕްތަކެއް ފެސިލިޓޭޓްކޮށްދޭން. އަދި މި އުއްމީދުކުރަނީ މެލޭޝިއާގެ ސަރުކާރާއެކު ވެވުނު ހަޔަރ އެޑިއުކޭޝަންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ ތެރެއިންވެސް ވަރަށް ގިނަ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެކަމަށް. އަޅުގަނޑުމެން އެބަ މަޝްވަރާކުރަން މި ރީޖަންގައި މަސައްކަތްކުރާ އިތުރު ފަރާތްތަކާއެކުވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމަށް" ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

އެނާ އިތުރަށް ވިދާޅުވީ، ސަރުކާރުން ދާދިފަހުން ހުޅުވާލި 2050 ސްކޮލަރޝިޕްގެ ފުރުޞަތަށްވެސް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބެމުން އަންނަކަމަށެވެ. ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ޢިލްމީ ޒުވާނުން ބިނާކުރުމަށް ސަރުކާރުން ހުޅުވާލި މި ފުރުޞަތަށް އެދި މިހާރުވެސް ވަރަށް ގިނަ ކުދިން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.

"ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ރާއްޖޭގައި އެބަކުރިއަށްދޭ. އެއަރޕޯޓް ތަރައްޤީކުރުން، އިންޓިގްރޭޓެޓް ޓޫރިޒަމް ޕްރޮޖެކްޓް، ދަރުމަވަންތަ ހޮސްޕިޓަލް، ބްރިޖްގެ މަޝްރޫޢު، މިފަދަ ތަންތަނަށް ބޭނުންވާ މުވައްޒަފުން އުފެއްދުމަށް ސަރުކާރުން އިޢުލާން ކުރި 2050 ސްކޮލަރޝިޕްގެ ފުރުޞަތާއެކު 2019 ވަނަ އަހަރު މިފަދަ މަޝްރޫޢަތަކަށް ބޭނުންވާ މުވައްޒަފުން ތަމްރީކޮށް އެ ވަޒީފާތަކަށް ނެރެން ސަރުކާރުން ބޭނުންވަނީ. މިހާރު އަޅުގަނޑު ވަރަށް އުފާވޭ މިވާހަކަ ދަންނަވަންވެސް، މި ހުޅުވާލި ފުރުޞަތުތަކުގައި ވަރަށް ގިނަ ކުދިންނެއް މިކަމަށް ޝައުގުވެރިކަން ވަނީ ފާޅުކޮށްފައި" ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.



މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ސަރުކާރުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާލާއިރު، 2013 ވަނަ އަހަރު މަތީ ތަޢުލީމުގައި ކިޔަވަމުންދިޔައީ ސްކޫލް ތަޢުލީމް ނިންމާ ކުދިންގެ 19 އިންސައްތަ ކުދިންނެވެ. ނަމަވެސް ފާއިތުވި 2017 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 32 އިންސައްތައަށް އިތުރުވެފައެވެ. އަދި ސަރުކާރުގެ އަމާޒަކީ 2022 ވަނަ އަހަރު އަންނަ އިރު 60 އިންސައްތައަށް މި ނިސްބަތް އިތުރުކުރުމެވެ. އެގޮތުން 2016 ވަނަ އަހަރު ސަރުކާރުން ލޯންޗްކުރި ހަޔަރ އެޑިއުކޭޝަން މާސްޓަރ ޕްލޭން 2022 ވަނަ އަހަރު ތަންފީޒުކޮށް ނިމޭއިރު މި އަދަދަށް ވާސިލްވެވޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.