ޚަބަރު

ޤާނޫނުލް އުޤޫބާތަށް ދެ އިޞްލާހެއް ގެންނަނީ


ބަޣާވާތް ކުރުމާއި ރިޝްވަތު ދިނުމުގެ ކުށަކީ ވަކި ކުށްތަކެއްގެ ގޮތުގައި ހިމެނުމަށް ޤާނޫނުލް އުޤޫބާތަށް ދެ އިޞްލާޙް ހުށަހަޅާނެ ކަމަށް ބަންޑާރަ ނާއިބު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބަންޑާރަ ނާއިބު އަނިލް ވިދާޅުވީ ބަޣާވާތް ކުރުން ފަދަ ކުށްތަކަކީ އެހެން ޤައުމުތަކުގެ ޤާނޫނުތަކުގައިވެސް އަދަބު ކަނޑައެޅިފައިވާ ބޮޑެތި ކުށްތަކެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޤާނޫނުތަކަށް އެ ކުށުގެ އަދަބު ކަނޑައެޅުމުގައި ބަލާނީ އެމެރިކާގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ކަމަށެވެ.

އަނިލް ވިދާޅުވީ ޤާނޫނުލް އުޤޫބާތަށް ގެންނަ ދެވަނަ އިޞްލާހަކީ ކޮރަޕްޝަންގެ ކުށްތައް ކަނޑައެޅުމުގެ ބައެއް ކަމަށެވެ. އެގޮތުން އެ ބަޔަކީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެވެސް ވަރަށް ބޮޑު އެއްބާރުލުމަކާއި އެކު ޤާނޫނުލް އުޤޫބާތަށް ގެންނަ އިޞްލާހެއް ކަމަށް ބަންޑާރަ ނާއިބު އަނިލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަނިލް ވިދާޅުވީ ދައުލަތުގެ މަގާމުތަކުގައި ތިބެގެން ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް އަދަބު ބޮޑުވާ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާނެ ކަމަށެވެ.

"އެ ބާބު ހަރުދަނާކޮށް ކުށްތައް ކަނޑައަޅައި، އޭގެ ތަފްސީލުތައް ވެސް ހިމަނާފައިވާނެ. ޚާއްސަކޮށް ފާހަގަކޮށްލަން ބޭނުން ރިޝްވަތު ދިނުމުގެ ކަންކަމަށް، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން ރިޝްވަތު ހިފައި އަދި ރިޝްވަތު ދީ ކަންކަން ކުރާ މީހުންނަށް އަދަބު ބޮޑުވާނެ ގޮތަކަށް އަޅުގަނޑުމެން އޮންނާނެ ކަނޑައަޅާފައި،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ މިދިޔަ އަހަރު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްވެސް ބައެއް މުހިއްމު އިޞްލާހްތަކެއް މި އަހަރު ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ އިޞްލާހްތަކަކީ މިދިޔަ އަހަރުގައިވެސް ހުށަހެޅި އިޞްލާހްތަކެއް ކަމަށެވެ. ނަމަވެސް ބައެއް ސިޔާސީ ސަބަބުތަކާއި ހުރެ އެ ބިލް ކުރިއަށްދާ ގޮތް ނުވީ ކަމަށް އަނިލް ފާހަގަކުރެއްވިއެވެ.

"ބައެއް މެމްބަރުން ފާހަގަކުރި ނުކުތާތައް އަޅުގަނޑު ފަހުން ހަމަ ބަލާލިން. އެ މެމްބަރުން ފާހަގަކުރި ނުކުތާތަކަކީ މިހާރު އަމަލު ކުރަމުން އަންނަ ޤާނޫނުގައި ހުރި މުހިއްމު މާއްދާތައް ނޭނގި ފާހަގަކޮށްފައި ހުރި ނުކުތާތަކެއް،" އަނިލް ވިދާޅުވިއެވެ.

ޤާނޫނުލް އުޤޫބާތާ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް މުހިއްމު އިޞްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނާއިބު މުޙައްމަދު އަނިލް ވިދާޅުވިއިރު މިއަހަރުގެ ތެރޭގައި، މުހިއްމު އެތައް ޤާނޫނެއް އަލަށް ވުޖޫދަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އަނިލް ވިދާޅުވިއެވެ.