ތިމާވެށި

އެނަރޖީ އެފިޝެންސީ ލޭބަލިންގ ޕްރޮގްރާމެއް ތައްޔާރުކުރަނީ


ރާއްޖޭގައި އެނަރޖީ އެފިޝިއެންސީ ލޭބަލިންގ ޕްރޮގްރާމެއް ތައްޔާރު ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި ޕްރޮގުރާމް ނިމޭއިރު، ރާއްޖޭގައި މައިގަނޑުގޮތެއްގައި ކަރަންޓް ބޭނުންކުރާ އާލާތްތަކުގެ ތެރެއިން އެއަރކޮންޑިޝަން، އައިސްއަލަމާރި އަދި ދޮންނަމެޝިންފަދަ އާލާތްތަކުން ހަކަތަ ބޭނުންކުރާ މިންވަރު ދެނެގަނެވޭނެއެވެ.

މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، އެނަރޖީ އެފިޝިއެންސީ ލޭބަލިންގ ޕްރޮގްރާމްގެ ބޭނުމަކީ އެކި ބްރޭންޑުތަކުގެ އިލެކްޓްރޯނިކް އާލާތްތަކުން ހަކަތަ ބޭނުންކުރާ މިންވަރު ރައްޔިތުންނަށް އަންގައިދީ އެފަދަ އާލާތްތައް ގަންނަ ފަރާތްތަކަށް އެތަކެތި ގަތުމުގެ ކުރިން އެއިން ކަރަންޓް ބޭނުންކުރާ މިންވަރު އެނގޭނެފަދަ ގޮތެއް ހެދުންކަމަށެވެ.

އެނަރޖީ އެފިޝިއެންސީ ލޭބަލިންގ ޕްރޮގްރާމެއް ތައްޔާރު ކުރުމަށް ހިންގާ އަށްމަސްދުވަހުގެ މި ޕްރޮގްރާމަކީ، 1.2 މިލިއަން ދިވެހި ރުފިޔާގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ، އިންޑިޔާގެ ކުންފުންޏެއްކަމަށްވާ، ޕްރައިސް ވޯޓަރހައުސް ކޫޕާރސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް. އަދި ޕްރައިސްވޯޓަރހައުސްކޫޕާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ޕާޓްނަރ އަމިތް ކުމާރެވެ.

މި މިސައްކަތަކީ އެންވާރަމެންޓް މިނިސްޓްރީން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތެކެވެ. މި މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.