ސައިފާ ދެކޮޅަށް ބަންގްލަދޭޝްގައި ކުޅުނު މެޗުގައި އަނިޔާވުމުގެ ސަބަބުން ޓީސީގެ ބިދޭސީ ކީޕަރު ދިމިތްރީ އަސްނިން ދެ މަސް ދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެކަމަށް ބެލެވިއްޖެއެވެ. މި ސީޒަނަށް ޓީސީއަށް ގެނައި ބިދޭސީ ކީޕަރުގެ އަތުގެ ކަށިގަނޑެއް ބިންދައިގެން ދިޔުމުގެ ސަބަބުން މިހާރު އަތުގައިވަނީ ޕްލާސްޓަރުވެސް އަޅާފައިއެވެ.
އޭއެފްސީ ކަޕްގެ ޕްރިމިލިނަރީ ބުރުގައި ސައިފާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ކީޕަރު ދިމްތްރީއަށް އަނިޔާވުމުން މެޗުގެ ދެވަނަ ހާފުގައި ޓީސީން ބޭނުންކުރީ ބަދަލްކީޕަރު އިބްރާހިމް ނަދީމެވެ.
ބެލެވޭ ގޮތުގައި ޓީސީން އަންނަނީ ދެވަނަ ލެގުގެ މެޗުގައި ޓީމް ލިސްޓަށް ބަދަލެއް ގެންނަން މަސައްކަތްކުރަމުންނެވެ. މިގޮތުން ފުރަތަމަ ޑިވިޝަންގެ ތަޖުރިބާހުރި ކީޕަރު އިފްރާހް އަރީފް މިހާރު އަންނަނީ ޓީސީއާއިއެކު ތަމްރީން ހަދަމުންނެވެ.
އިފްރާހް ދެވަނަ ލެގުގެ މެޗުގައި ފެނުމުގެ ފުރުސަތު އެބައޮތްކަމަށް ޓީސީން ހާމަކުރެއެވެ. ބިދޭސީ ކީޕަރު ދިމިތްރީގެ ބަދަލްގައި އިތުރު ކީޕަރެއް އެހެން ކީޕަރެއް ގެންނާނީތޯ ނުވަތަ އޭނާ އަނިޔާއިން އެއްކޮށް ރަނގަޅުވަންދެން ބަހެއްޓުމާއިމެދު ގޮތެއް އަދި ނުނިންމާކަމަށްވެސް ޓީސީން މައުލޫމާތުދެއެވެ.