ޚަބަރު

"މިއަހަރު އިތުރު 10 ޒުވާނުންގެ މަރުކަޒު ޤާއިމުކުރާނެ"


ޒުވާނުން ބާރުވެރިކުރުވާ، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިއަހަރު މުޅިން އަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ 10 މަރުކަޒެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަރުކާރާއި ހަވާލުވެވަޑައިގެންއިރު ގިނަ ޒުވާނުންގެ މަރުކަޒުތައް ހުރީ ވީރާނަވެ, ހަލާކުވެ އެއްވެސް ގޮތަކަށް ބޭނުންނުކުރެވޭ ހާލަތެއްގައިކަމަށެވެ. ނަމަވެސް މިހާރު އެތަންތަން މަރާމާތުކޮށް އަދި ޒުވާނުންގެ މަރުކަޒަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީފައިވާއިރު، އެތަންތަނަށް ބޭނުންވާ މުވައްޒަފުން ހަމަކޮށްދީ އެ މަރުކަޒުތަކަކީ ހަރަކާތްތެރި ތަންތަނަށް ހަދާފައިވާކަމަށެވެ.  

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 42 މަރުކަޒު ޤާއިމުކޮށްފައިވާއިރު، މީގެ ތެރެއިން 24 މަރުކަޒަކީ މި ސަރުކާރުން ޤާއިމުކޮށްފައިވާ ތަންތަންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ހިނގާ 2018 ވަނަ އަހަރުވެސް އިތުރު 10 ރަށެއްގައި ޒުވާނުންގެ މަރުކަޒުތައް ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޔޫތް މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ޒުވާނުންގެ މަރުކަޒުތަކަކީ ހަމައެކަނި ކުޅިވަރު ކުޅޭ ތަނެއްގެ ބަދަލުގައި، އެތަންތަނަކީ ޒުވާނުންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީންތަކާއި ކޯސްތައް ހިންގުމާއި، ރަށްރަށުގެ އިޖްތިމާޢީ ތަރައްޤީގައިވެސް މުހިއްމު ދައުރެއް އަދާކުރާ ތަންތަނަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.



"ރައީސް ޔާމީން ސަރުކާރަށް ވަޑައިގެންނެވިއިރު ވަރަށް ގިނަ ޒުވާނުންގެ މަރުކަޒުތައް ހުރީ ވީރާނަވެ، ހަލާކުވެ، އެއްވެސް ގޮތަކަށް ބޭނުންނުކުރެވޭ ހާލަތެއްގައި. ނަމަވެސް މިހާރު އެތަންތަން މަރާމާތުކޮށް އަދި ޒުވާނުންގެ މަރުކަޒަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރެވި، މުވައްޒަފުންލާއި، ތަފާތު ހަރަކާތްތައް ދަނީ ހިންގަމުން. މިހާރު ގާތްގަނޑަކަށް 42 ޒުވާނުންގެ މަރުކަޒު މިވަނީ ޤާއިމުކޮށްފައި. މީގެ ތެރޭގައި މި ސަރުކާރުން އެކަނިވެސް 24 ޒުވާނުންގެ މަރުކަޒެއް މުޅިން އަލަށް އިމާރާތްކޮށްފައިވޭ. 2018 ވަނަ އަހަރަށްވެސް ޒުވާނުންގެ މަރުކަޒުތަކެއްގެ ސްޕޯޓްސް އިކުއިޕްމަންޓްސްތަކާއި، މުވައްޒަފުން ލައިގެން އެތަންތަން ހުޅުވުމަށް 10 ޕްރޮޖެކްޓެއް އަޅުގަނޑުމެން މިހާރުވެސް ޕްލޭންކޮށްފައިވާނެ. އަޅުގަނޑުމެންގެ އަމާޒަކީ ޒުވާނުންގެ މަރުކަޒުތަކަކީ ދިވެހި ޒުވާނުން އެކި އެކި ހަރަކާތްތަކުގައި، އޭގެ ތެރޭގައި އާއްމު ރައްޔިތުން ބޭނުންވާ ހިދެއްގައިވެސް ކޮންމެސް ހަރަކާތެއް ނުވަތަ ބައްދަލުވުމެއް ބޭއްވޭނެ ފަދަ ކޮންސެޕްޓްކޮށްފައިވާ ތަންތަނަށް ހެދުން. އަދި ތަފާތު ގަޑިތަކުގައި ޒުވާނުންނަށް ބޭނުންވާ  އެކިކަހަލަ ކޯސްތައް އެތަނުގައި ހިންގޭނެ ފަދަ ވަސީލަތްތައްވެސް ޤާއިމުކުރުން" މިނިސްޓަރ ވިދާޅުވިއެވެ. ޒުވާނުންގެ ތަރައްޤީއަށް މި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމަށް އިޝާރަތްކުރައްވަމުން ޔޫތް މިނިސްޓަރ ވިދާޅުވީ، ކުޅިވަރުގެ ދާއިރާއާއި އިތުރު ދާއިރާތަކުގައިވެސް ހަރަކާތްތެރިވާ ކްލަބްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، އެ ފަރާތްތަކަށް ބޭނުންވާ ތަފާތު އެހީތެރިކަންވެސް ފޯރުކޮށްދެމުންދާކަމަށެވެ. އެގޮތުން ތަފާތު ބޭނުންތަކަށް ކްލަބް އަދި ޖަމިއްޔާތަކަށް 1.5 މިލިއަން ރުފިޔާ ސަރުކާރުން ދެއްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ޒުވާނުންގެ ތަރައްޤީއަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާއިރު، އެކަންކަމުގެ އެދެވޭ ނަތިޖާ ވަރަށްވެސް ކާމިޔާބުކަމަށެވެ.



"ވަރަށް ގިނަ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ޒުވާނުންގެ ވުޒާރާއިން، މިކުރާ ކުޅިވަރާއި އަދި ޒުވާނުންގެ ހަރަކާތްތައް، އެއީ މިއުޒިކްކަމަށްވިޔަސް، އަދި ތަފާތު ލައިފް ސްކިލްސް ޕްރޮގްރާމްތައް ހިންގުމަށްވިޔަސް، އަދި ޒުވާނުންގެ ލީޑަރޝިޕް ޕްރޮގްރާމްތަކުގައިވިޔަސް މިހުރިހާ ކަމެއްގެ ނަތީޖާއަކީ ޒުވާނުންގެ ބައިވެރިވުން މިކަންތައްކަތުގައި އިތުރުވުން. ވަރަށް ގިނަ ޒުވާނުންތަކެއް މިއަދު މިވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިންވެސް އަމިއްލަ ކުންފުނިތައް އުފައްދައިގެން ކުރިއަށްދާން ފަށާފައި" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.ޔޫތް މިނިސްޓަރ ވިދާޅުވީ 2018 ވަނަ އަހަރުވެސް ވެގެންދާނީ ޒުވާނުންނަށާއި ޖުމްލަކޮށް ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ވަރަށް އުއްމީދީ އަހަރަކަށްކަމަށެެވެ. އެގޮތުން ސަރުކާރުން ފައްޓަވާފައިވާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް މިއަހަރުގެ ތެރޭގައި ނިމިގެންދާއިރު، އޭގެ ސަބަބުން ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެ، އާއްމު ދިރިއުޅުމުގެ ހާލަތު އެތައްގުނައެއް ރަނގަޅުވެގެން ދާނެކަން މިނިސްޓަރ އިރުތިޝާމް ފާހަގަކުރެއްވިއެވެ.