ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރަމުންދާ ދީނީ ޗެނަލްތަކުގެ ތެރެއިން، އާއްމުންގެ އެންމެ ބޮޑު އިތުބާރެއް ލިބިފައިވަނީ އަދި އާއްމުންގެ މެދުގައި އެންމެ މަޤްބޫލް ޓީވީ ޗެނަލަކީ "މުންނާރު" ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "މުންނާރު" ޗެނަލަށް އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކާ ޙާއްސަ ދީނީ ޗެނަލެއް އުފެއްދުމަށް އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. ދީނީ ޗެނަލް "މުންނާރު" ވުޖޫދަށް އައިސްފައިވަނީ ހަމަ އެހަރުގެ ޖެހިގެން އައި ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި މި ޗެނަލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މިފަދަ ޗެނަލްއެއް އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ އިސްލާމްދީނަކީ ޢިލްމުގެ ދީނަކަށްވުމުން އެ ދީނުގެ މަޢުލޫމާތު އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ. އަދި އިސްލާމްދީނަކީ އުނގަންނައިދިނުމާއި އަންގައިދިނުމުގެ ދީނަކަށްވުމުން ދީނާ ގުޅޭގޮތުން އާއްމުންނަށް ނޭނގޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމަކީވެސް މި ޗެނަލް އުފެއްދުމުގެ މަޤްޞަދެކެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، މުންނާރު ޗެނަލަކީ ވަރަށްވެސް މާތް މަޤްޞަދެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޙާއްސަ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ޗެނަލެއްކަމަށާއި، މިއީ އެމަނިކުފާނުގެ ދީނީ މެނިފެސްޓޯ ތަންފީޒު ކުރެއްވުމަށް އެޅުއްވި މުހިއްމު ފިޔަވަޅެއްކަމަށެވެ. ދީނީ މަޢުލޫމާތުތައް އެންމެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނާއި ހަމައަށް ގެނެސްދޭ އެއް ޕްލެޓްފޯމަކީ މުންނާރު ޗެނަލްކަން ފާހަގަކުރައްވަމުން، މިނިސްޓަރ ޒިޔާދު ވިދާޅުވީ، މުންނާރު ވުޖޫދަށް އައިފަހުން ފާއިތުވި ކުރު މާޒީގެ ތެރޭގައި ހާސިލްވި އެންމެ ބޮޑު އެއް ކާމިޔާބީއަކީ އާއްމުންގެ އިތުބާރު މި ޗެނަލަށް ލިބިގެންދިއުންކަމަށެވެ.
"މުންނާރު ޗެނަލަކީ ރައީސް ޔާމީންގެ ދީނީ މެނިފެސްޓޯ ދިވެހިރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިގެންދިޔަ ހަޤީޤަތެއް. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހިން ބައްލަވަމުން މިގެންދަނީ އިސްލާމްދީނުގެ ހަޤީޤީ މަޙްފޫމް. އިސްލާމްދީނާއި ގުޅުންހުރި ތަފާތު އެކި އެކި ދާއިރާތަކުގެ މަޢުލޫމާތު ހިމެނޭ ޕްރޮގްރާމްތައް މިއަދު ރާއްޖޭގެ ރައްޔިތުން ބައްލަވަމުން އެ ގެންދަވަނީ. އެއް އަހަރުވެގެންދިޔައިރު، ރާއްޖޭގެ ދީނީ ޗެނަލްތަކުގެ ތެރެއިން އެންމެ ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޗެނަލަކީ މުންނާރު ޓީވީ. އަޅުގަނޑު ބެލިބެލުމުން މާލޭގައި ބައެއް ގޭގެގައި މުންނާރު ޗެނަލްނޫން އެހެން ޗެނަލެއް ނުވެސް ބައްލަވަނީ. ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންވެސް އަންނަނީ ގިނަ އަދަދަކަށް މި ޗެނަލް ބައްލަވަމުން. ހަމައެހެންމެ ބޭރު ޤައުމުތަކުގެ ތެރެއިން މި ޗެނަލް ފޯރާ ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުންވެސް މި ޗެނަލް ބަލަމުންދާކަން އެއީ މިއަދުގެ ހަޤީޤަތެއް" މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.
ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ މުންނާރު ޓީވީ އުފެއްދުމަށް ވަރަށް ގިނަ މަޝްވަރާތަކެއް ކުރެއްވި ކަމަށާއި، ޗެނަލް އުފެއްދުމުގައި ވަރަށްގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވެގެންދިޔަކަމަށެވެ. މުންނާރު ޓީވީ އިތުރަށް ހަރުދަނާކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަން ހަލީލް ފާހަގަކުރެއްވިއެވެ.
"ކުރިއަށްވެސް ކަންތައްތަކެއް ރާވާފަ އެބަހުރި. މިހާރު އިތުރަށް ކަންތައްތައް ފެށުމަށްޓަކައި ފެށުމައްޓަކައިވެސް ކަންތައްތަކެއް ކުރަމުންދަނީ. އަޅުގަނޑުމެން މިދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކަށް ބަލާއިރު ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާގެ މުޅި ޚަތިމްގެ ފުލް އޯޑިއޯ، މި ޒަމާނުގެ އެޕްލިކޭޝަންތައް މެދުވެރިކޮށް ގެނެސް، ބޭނުންވި ކޮންމެ ވަގުތެއްގައި، ދުނިޔޭގެ ކޮންމެތާކު ހުރެގެންވެސް ކީރިތި ޤުރުއާން ދިވެހި ތަރުޖަމާ އަޑުއަހާލުމުގެ ފުރުޞަތު މިވަނީ މުޅި ދިވެހި ރައްޔިތުންނަށް ހުޅުވާލާފަކަމަށް" އިބްރާހީމް ޚަލީލް ވިދާޅުވިއެވެ.
ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި މުންނާރު ޗެނަލުން ވަނީ އެކި އުމުރުފުރާގެ މީހުންނަށް ޚާއްޞަކޮށްގެން ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ތަފާތު ޕްރޮގްރާމްތަކެއް ގެނެސްދީފައެވެ. އަދި އިސްލާމިކް މިނިސްޓްރީން އިންތިޒާމްކުރާ ތަފާތު ދަރުސްތަކާއި، އެކި ކަހަލަ ހަރަކާތްތަކުގެ ޓީވީ ކަވަރޭޖް އާއްމުންނާއި ހަމައަށް ގެނެސްދެމުންނެވެ. ހަމައެހެންމެ ޢަރަބި އިސްލާމީ ޤައުމުތަކުގެ ޓީވީ ޗެނަލްތަކުގެ ދީނީ ޕްރޮގްރާމްތައް މުންނާރަށް ހޯދުމަށާއި، މި ޗެނަލް ތަރައްޤީކުރުމަށްޓަކާ ބޭރުގެ އިސްލާމީ ޤައުމުތަކުގެ އެހީތެރިކަން ހޯދަމުން އަންނަކަށްވެސް ފާހަގަކޮށްލެވެއެވެ.