ޚަބަރު

ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތް


ކުޑަކުދިން ކުށުގެ ވެށިން ދުރުކޮށް އެކުދިންނަށް ރައްކާތެރި މާޙައުލެއް ހޯދަަދިނުމަށް، މިއަހަރު ގިނަ ހަރަކާތްތައް ކުރިޔަށް ގެންދިޔަ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ މުއައްސަސާތަކާއި ރާއްޖޭގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤުވާމީ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ހިމެނެއެވެ.



ކުޑަކުދިން ކުށުގެ ވެށިން ދުރުކޮށް އެކުދިންނަށް ރައްކާތެރި މާޙައުލެއް ހޯދަަދިނުމަށް، މިއަހަރު ގިނަ ހަރަކާތްތައް ޖެވެނައިލް ޖަސްޓިސް ޔުނިޓުން ކުރިއަށް ގެންދިޔައިރު މީގެ ތެރޭގައި ތަމްރީން ޕްރޮގްރާމްތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ހިމެނެއެވެ. އަދި ރާއްޖެއާއި ރައްޖޭގައި ޤާއިމްކޮށްފައިވާ ޔުނިސެފް ފަދަ ބައިނަލްއަޤުވާމީ މުއައްސަސާތަކާއި ގުޅިގެން ކުޑަކުދިންނަށް ފަހި ވެއްޓެއް ޤާއިމްކޮށް ދިނުމަށް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ޕީއެސްއެމް ނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ޑިރެކްޓަރ ފާތިމަތު ރޫނާ ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ނިޒާމަށް މުއައްސަސާތައް އަހުލުވެރިކުރުމަށް ކުރެއްވި މަސައްކަތުގެ ދަށުން މިއަހަރު 585 ފަރާތް ތަމްރީން ކޮށްފައިވާ ކަމަށެވެ.



އޭނާ އިތުރަށް ވިދާޅުވީ ޔުނިސެފާ ގުޅިގެން ބޭއްވި ޖުޑިޝަލް ސިންޕޯޒިއަމް އޮން ޖުވެނައިލް ޖަސްޓިސްގައިވެސް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނާބެހޭ ގޮތުން ޚާއްޞަ ކަރުދާހެއް ހުށަހެޅިކަމަށެވެ. އަދި އޭނާ ވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރުމަށް ދިމާވާ ބައެއް ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން އިންސާނީ ވަސީލަތް މަދުކަމާއި އަތޮޅު ތަކުގައި މަސައްކަތް ނުކުރެވޭ ކަމަށް ރޫނާ ވިދާޅުވިއެވެ.



ޖުވެނައިލް ޖަސްޓިސް ޔުނިޓް 2010 ގައި އެފެއްދެވީ ކުޑަކުދިން ކުށުން ދުރުކޮށް ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމުގެ މަޤްސަދުގައެވެ. މިމަޤްސަދު ހާސިލްކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދާއިރު ކުދިން އަމާޒުކޮށް ހިންގާ ޕްރޮގްރާމްގެ އިތުރުން މިފަދަ ކުދިންގެ ބެލެނިވެރިންނަށް ޚާއްޞަ ކޮށްގެންވެސް މިއަހަރު ތެރޭގައި ހަރަކާތްތައް ހިންގާ ފައިވެއެވެ. އެގޮތުން 550ހަށް ވުރެ ގިނަ ބެލެނިވެރިން، ހަރުދަނާ މައިންބަފައިން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޕްރޮގްރާމްތައް މާލެއާއި އަތޮޅު ތެރޭގައި ހިންގަމުންދާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެއެވެ.