ޚަބަރު

އަޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ޑިޖިޓަލްކޮށް ދޭން ފަށަނީ


ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް އަންނަ އަހަރުގެ މިނިވަން ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ޑިޖިޓަލްކޮށް ދޭންފެށުމަށް ތައްޔާރުވަމުންދާކަމަށް ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވެއްޖެ. ރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ދޭން ފެށިތާ 55 އަހަރު މާދަމާ ފުރޭނެއެވެ.

ރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ފެށިތާ 55 އަހަރު ފުރިގެންދާއިރު ރޭޑިއޯއިން ވަނީ ރާއްޖޭގެ އުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީގައި މުހިއްމު ރޯލްތަކެއް އަދާކޮށްފައެވެ.

ދިވެހި ރާއްޖޭގެ އަޑުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ ރާއްޖެ މިއަދު މިދެކޭ ތަރައްޤީގައި ދިވެހިރާއްޖޭގެ އަޑު ކުރި ޚިދުމަތުގެ އަގު އެއްވެސް މީހަކަށް އަދާނުކުރެވޭނެކަމަށެވެ. އަޑު މެދުވެރިކޮށް ރައްޔިތުންނަށް ދީފައިވާ ޚިދުމަތްތަކަށް ބައްލަވާލައްވަމުން ޚަލީލް ވިދާޅުވީ ރާއްޖޭގައި ލިޔަންކިޔަން ނޭގޭ އެތައް ބައެއް ތިބި ދުވަސްވަރު އެމީހުންގެ އެދުރެއްގެ ގޮތުގައި ދިވެހި ރާއްޖޭގެ އަޑު މަސައްކަތްކޮށްފައިވާކަމަށެވެ. އަދި ލިޔަންކިޔަން ދަންނަ ދިވެހިންގެ އަދަދު ނުވަދިހަ އަށެއް އިންސައްތަ ހާސިލުވުމުގައި އަޑުގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

ދިވެހި ރާއްޖޭގެ އަޑުގެ ޚިދުމަތް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ދަށުން ތިލަފުށީގައި ވަރަށް ބޮޑު ސަރަޙައްދެއްގެ ބިންހިއްކާ އެސަރަޙައްދުގައި ޓަވަރާއި ޓްރާންސްމީޓަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަން ޚަލީލް ފާހަގަކުރެއްވިއެވެ. އަދި ޢަމަލީ މަސައްކަތް  އަންނަ އަހަރުގެ މޭމަހު ނިންމާ ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ޑިޖިޓަލްކޮށް މިނިވަން ދުވަހު  ރަސްމީކޮށް ފެށުމަށް އަމާޒުކޮށްފައިވާކަމަށް ޚަލީލް ވިދާޅުވިއެވެ.

ޑިޖިޓަލް ރޭޑިއޯގެ ޚިދުމަތާއެކު ރައްޔިތުންނަށް ބޭނުންވާ ޚާއްޞާ މެސެޖުތަކާއި މަޢޫލޫމާތުތައް ސްމާޓް ރޭޑިއޯތަކުގެ ޑިސްޕްލޭއަށް ފޮނުވަމުން ގެންދާނެކަމަށާއި ކާރިސާތަކާ ގުޅޭ އެލަރޓްތައް މޯބައިލް ފޯނުތަކަށް ޓެކްސްޓް މެސެޖުގެ ގޮތުގައި ފޮނުވަމުން ގެންދާނެކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15144502742219.jpg|

"ވަރަށް ގިނަ ގޮންޖެހުުތަކާ އެކު މިހާރު ތިލަފުށީގައި ޤާއިމްކުރާ ދިވެހިރާއްޖޭގެ އަޑުގެ ޓްރާންސްމިޝަން ސަރަޙައްދު މަސައްކަތް މިހާރު ވަނީ ފެށިފައި. އެންމެ ބޮޑުކަމަކަށްވާނީ ސަރާސަރު ބޮޑު ބިމެއް ހިއްކާނިންމާ މަސައްކަތް ކުރެވޭވަރަށް ގެންދެވިއެްޖެ. އެބިމުގައި ޖަހަންޖެހޭ ޓަވަރުތަކާ ބަހައްޓާ ޓްރާސްމީޓަރުތަކާއި ޢިމާރާތްތަކާ ފަންނީ މަސައްކަތްކުރުމަށްޓަކާ ވަރަށް ދިގު ބިޑިންގ ޕްރޮސެސަށްފަހު ދައުލަތުން މިކަމަށް ކަނޑައަލާ ސްޓޭކްޯލްޑާސް ބިޑް ކޮމިޓީގެ ބެލުމުގެ ދަށުންމަސައްކަތް ކުރެވެމުންދަނީ" ޚަލީލް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޗެއަރމަން އިބްރާހީމް ޢުމަރު މަނިކު ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު ޑިޖިޓަލްކުރުމަށް އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންމެ ފުރަތަމަ ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި އެކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާކަމަށާއި، އެކަމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާކަން އުމަރު މަނިކު ފާހަގަކުރެއްވިއެވެ.

ޑިޖިޓަލަިޒް ކުރެވުމުން ޜާއްޖޭގެ އިޤްތިޞާދީ ސިޠާސީ ސަރަހައްދަށް ވަރަށް ތަފާތު ވަރަށް ކޮލިޓީކޮށް ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ލިބިގެންދާނެ. މި މަޝްރޫޢަށް މިސަރުކާރުން ޚާއްޞާ އަހަމިއްޔަތުކަމެއްދެއްވާ. ރައީސް ޢަބްދުﷲ ޔާމީން އެންމެ ފުރަތަމަ ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާ ފައިސާ ހަމަޖެހިފައިވުމުން ދެން މި މަޝްރޫޢު ލަސްވެގެނެއް ނުދާނެ." ޕީއެސްއެމްގެ ޗެއަރމަން އިބްރާހީމް ޢުމަރު މަނިކު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑު ޑިޖިޓަަލް ކުރުމުގެ މަސައްކަތާއި އެކު ރާއްޖޭގެ ހަތް ސަރަޙައްދުގައި ޤާއިމްކޮށްފައިވާ އަޑުގެ މީޑިއާ ސެންޓަރުތަކުގެ ޚިދުމަތްވެސް އަންނަ އަހަރު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ރާއްޖޭގައި ރޭޑިއޯގެ ހިދުމަތް ދޭން ފަށާފައިވަނީ ނަވާވީސް ޑިސެމްބަރ 1962 ވަނަ އަހަރުއެވެ.