ކުޅިވަރު

ނިއުއަށް ފުރަގަސްދީ ސައްޓު ޓީސީއަށް ސޮއިކޮށްފި


ދިވެހި ޕްރިމިއަރ ލީގުގައި ށ.މިލަންދޫ ޓީމުގައި މޮޅު ކުޅުމެއްދެއްކި އިޝާން އިބްރާހިމް (ސައްޓު) އަންނަ ސީޒަނުގައި ޓީސީ ސްޕޯރޓްސް ކްލަބަށް ކުޅެން ސޮއިކޮށްފިއެވެ. އިޝާން ވަނީ އޭނާ ޓީސީއަށް ސޮއިކުރިކަން ޕީއެސްއެމް ސްޕޯޓްސްއަށް ކަށަވަރުކޮށްދީފައެވެ. 

އިޝާން ޓީސީއަށް ސޮއިކޮށްފައި މިވަނީ އޭނާ ހޯދުމަށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބުންވެސް މަސައްކަތް ކުރަމުން ދަނިކޮށްކަމަށް މައުލޫމާތުލިބެއެވެ. ސައްޓު ޓީސީއަށް ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 

ސައްޓު ޓީސީއަށް ސޮއިކުރިއިރު މިދިޔަ ތިން ސީޒަނުގައިވެސް ޓީސީގައި މޮޅު ކުޅުމެއް ދެއްކި ނާއިޒް ހަސަން (ދާދު) އަންނަ ސީޒަނުގައި އެ ކުލަބުން ނުފެންނާނެއެވެ. މި އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި ށ.މިލަންދޫ ޓީމުގައި ހުރެ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި އިޝާން ވަނީ ލީގުގައި އޭނާ ކުޅުނު 13 މެޗްގައި 8 ގޯލު ޖަހާ 5 މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. 

ސައްޓުއަކީ އޭދަފުށީފައި ދިރިއުޅެމުން އައި އެރަށުގެ ކުޅުންތެރިކެވެ. ދިވެހި ލީގުގައި އޭނާ މިލަންދޫ ޓީމަށް ކުޅުނީވެސް ޓީމާއެކު ފުލްކޮށް ޕްރެކްޓިސް ނުކޮށެވެ. އޭނާ ޓީސީއަށް ބަދަލުވީ ވަޒީފާވެސް މާލެއަށް ބަދަލުކޮށްގެންނެވެ. 

ޓީސީއާއި ގުޅުނުކަން ހާމަކުރަމުން ސައްޓުބުނީ އޭނާއަށް ނިއުރޭޑިއަންޓުންވެސް ހުށަހެޅުން ލިބުނުކަމަށާއި، އެކަމަކު މިވަގުތަށް ކެރިއަރުގައި ކުރިއަށްދާން ބަލާއިރު އެންމެ ރަނގަޅީ ޓީސީއާއި ގުޅުންކަމަށް ފެންނާތީ އެކުލަބާއި ގުޅެން ނިންމީކަމަށް. އަދި ކުރިއަށް އޮތް ސީޒަނުގައި ޓީސީގެ މެނޭޖްމަންޓުން ބޭނުންވާ ފެންވަރުގެ ކުޅުމެއް ދެއްކޭނެކަމަށް އުއްމީދުކުރާކަމަށްވެސް ސައްޓު ބުންޏެވެ. 

"ނިއުއިންވެސް ވާހަކަދެއްކި، އެކަމަކު މިވަގުތު އެންމެ ރަނގަޅު ގޮތަކީ މިއީކަމަށް ބަލާފައި ޓީސީއާއި ގުޅެން ނިންމީ" އިޝާން ބުންޏެވެ. 

ސައްޓުއާއިއެކު ޓީސީގެ ފޯވާޑް ލައިނުން އަންނަ އަހަރު ފެންނާނީ މި ސީޒަންގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މަހުދީއެވެ. އޭނާވަނީ ޓީސީގެ ކޮންޓްރެކްޓް އައުކޮށްފައެވެ.