އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ ތިރީސް ފަސްވަނަ އާންމު ބައްދަލުވުމާއި މި ޞަރަޙައްދުގެ ބޭންކިންގް ކޮންފަރެންސް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު އެއް ބޭންކިންގ ކޮންފަރެންސެވެ. އޭޝިއާ ޞަރަޙައްދުގެ 25 ގައުމަކުން 80 މާލީ އިދާރާއާ އެކު އޭބީއޭ އިން މަސައްކަތްކުރަމުން ދަނީ ބޭންކިންގ އަދި ފައިނޭންސް ސިނާއަތަށް ކުރިއެރުން ހޯދައިދިނުމަށާއި މި ސަރަހައްދުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ.
އޭބީއޭގެ އަހަރީ ކޮންފަރެންސް އަކީ ސިނާއަތާ ގުޅޭ ކަންކަމާ އަދި ލިބެން ހުރި ފުރުސަތުތަކުގެ މުހިންމުކަމާމެދު މި ސިނާޢަތުގެ އިސްވެރިން މަޝްވަރާކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.
އޭޝިއާ ޞަރަޙައްދުގެ ބައިވެރިންނާ އަދި މިދާއިރާގެ މަޝްހޫރު ބައިނަލްއަޤްވާމީ ވާހަކަދެއްކުންތެރިންނާއެކު ޖުމްލަ 160 އަށް ވުރެ ގިނަ ފަރާތަކުން މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ. މި ކޮންފަރެންސް ބޭއްވުމަށް ބީއެމްއެލުން ނިންމާފައިވަނީ ނޮވެމްބަރު މަހު ކުރުނބާ މޯލްޑިވްސްގައި ކަމަށް އެބޭންކުން މައުލޫމާތުދެއެވެ.
އޭބީއޭގެ ބޯޑުގައި ބީއެމްއެލް ތަމްސީލްކުރައްވާ ބީއެމްއެލްގެ ސީއީއޯ އަދު މެނޭޖިންގް ޑިރެކްޓަރ އެންޑްރޫ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އަށް މި ފުރުޞަތު ލިބުމުން ވަރަށް އުފާވާކަމަށެވެ.
" އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް ބާއްވާނެ ޤައުމަކަށް ދިވެހިރާއްޖެ ކަނޑައެޅި، ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެންދިޔުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިފަދަ ޝަރަފުވެރި ހަރަކާތެއް ބޭއްވުމަށް މި ލިބުނު ފުރުސަތަކީ ބައިނަލްއަޤްވާމީ މުޖުތަމައުގެ ނުފޫޒުގަދަ ފަރާތްތަކަށް ދިވެހިރާއްޖޭގެ މާލީ ދާއިރާގެ އިތުރުން މުޅި ޖުމްލަކޮށް ދިވެހިރާއްޖެ ދައްކާލުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވިއެވެ.
އޭޝިއާ ސަރަހައްދުގެ ބައިވެރިންނާ އަދި ދާއިރާގެ މަޝްހޫރު ބައިނަލްއަޤްވާމީ ވާހަކަ ދެއްކުންތެރިންނާއެކު ޖުމްލަ 160 އަށް ވުރެ ގިނަ ފަރާތަކުން އެ ކޮންފަރެންސްގައި ބައިވެރިވާނެއެވެ.