ޖަރުމަނުވިލާތުގެ ބަރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި ބަހައްޓާ، ރާއްޖޭގެ ސްޓޭންޑްގައި ސަޤާފީ އަތްތެރި މަސައްކަތުގެ ހުނަރު ދައްކައިދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިފެއަރގައި ރާއްޖޭގެ ފަރާތުން ބައިވެރިކުރާ ސްޓޭންޑުގައި ސަޤާފީ އަތްތެރި މަސައްކަތުގެ ހުނަރު ދައްކައިދޭން ބޭނުންވާ ފަރާތްތަކަށް، މިމަހުގެ 21 ވާ ބުރާސްފަތި ދުވަހު ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އެމް.އެމް.ޕީ.އާރ.ސީއިން ބުނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އެކުންފުނިން ބުނެއެވެ. މިއީ އެކުންފުނިން މި ފުރުޞަތު ހުޅުވާލި ދެވަނަ ފަހަރެވެ.
އަންނަ އަހަރުގެ އައި.ޓީ.ބީ ފެއަރއަށް ވާންޖެހޭ ތައްޔާރީތައް މިހާރު އެމް.އެމް.ޕީ.އާރ.ސީއިން ދަނީ ކުރަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރުވާ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގައި އައި.ޓީ.ބީ ފެއަރއަކީ މުހިއްމު ދައުރެއް އަދާކުރާ ފެއަރއެކެވެ. އެގޮތުން މިފަހަރުގެ ފެއަރގައިވެސް ރާއްޖެ އިތުރަށް ޕްރޮމޯޓްކޮށް، އިޝްތިޙާރުކުރުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާކަމަށް އެމް.އެމް.ޕީ.އާރ.ސީއިން ހާމަކުރެއެވެ.
ޖަރުމަނުވިލާތުގެ ބަރލިންގައި ކުރިއަށްގެންދާ އައި.ޓީ.ބީ ފެއަރއަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ޓްރޭޑް ފެއަރއެވެ. އަދި މިއީ ރާއްޖެއިން ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ފެއަރވެސްމެއެވެ. އަންނަ އަހަރުގ މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗު މަހުގެ 7 ން 11 ގެ ނިޔަލަށެވެ.
އައި.ޓީ.ބީ ފެއަރ ހިމެނޭހެން ރާއްޖެ އިޝްތިހާރުކުރުމަށްޓަކާ 2018 ވަނަ އަހަރު ޖުމްލަ 15 ފެއަރއެއްގައި ބައިވެރިވުމަށް އެމް.އެމް.ޕީ.އާރ.ސީއިން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޫޓް ފެއަރއާއި، އޮސްޓްރޭލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޫޓްސް އޭޝިއާ އަދި އިނގިރޭސިވިލާތުގައި ކުރިއަށްދާ ޑަބްލިއު.ޓީ.އެމް ފަދަ ފެއަރތައްވެސް ހިމެނެއެވެ.