ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފއެވެ. މި ބްރާންޗް ހުޅުވާދެއްވީ އެމްއެމްއޭގެ ގަވަރުނަރ އަހުމަދު ނަސީރުއެވެ.މި ބްރާންޗް ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ގަވަރނަރ އަޙުމަދު ނަޞީރު ވިދާޅުވީ، ނޭޝަނަލް ޕޭމަންޓް ސިސްޓަމް ނުވަތަ ފައިސާ ދެއްކުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އެމްއެމްއޭއިން ކުރަމުން ގެންދާކަމަށެވެ. މި ނިޒާމުގެ ސަބަބުން ފައިނޭންސް ގެ ދާއިރާއަށާއި ބޭންކުތަކުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ޚިދުމަތް ލިބި ގަންނަ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ނަޞީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެހެން ދާއިރާތައް ހަލިވި ދުވެލީގައި ކުރިއަރަމުން އަންނަ އިރު ފައިސާދެއްކުމުގެ ނިޒާމާއި ފިނޭންސްގެ ދާއިރާ އޮތީ މަޑުޖެހިފައިކަން ފާހަގަކުރައްވަމުން ގަވަރުނަރ ވިދާޅުވީ އެމްއެމްއޭގެ އަމާޒަކީ މިދާއިރާވެސް އެހެން ދާއިރާތަކާ ފައި ހަމަކޮދިނުންކަމަށެވެ.
"އެމްއެމްއޭއިން މިހާރު ދަނީ ފުރިހަމައަށް ގުޅާލެވިފައިވާ ނެޓްވޯކެއްގެ ދަށުން ފައިސާދައްކާނެ ޕޭމެންޓް ސިސްޓަމެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުން. މިނެޓްވޯކް ސިސްޓަމްގެ ސަބަބުން މިފަދަ ޚިދުމަތްތަކުގެ ރައްކާތެރިކަމުގެ މިންގަނޑު އިތުރުވެ މާކެޓްތައްވެސް ފުޅާވެގެންދާނެ". އެމްއެމްއޭގެ ގަވަރނަރ އަޙުމަދު ނަޞީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމާޝަލް ބޭންކު އޮފް މޯލްޑިވްސްގެ ޗައަރމަން ހުސެއިން އަފީފު ވިދާޅުވީ، ރާއްޖޭގެ އެންމެ ޅަ ބޭންކުގެ ގޮތުގައި ކޮމާޝަލް ބޭންކު އޮތް ނަމަވެސް ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކޮމާޝަލް ބޭންކުން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށެވެ. އަދި މިއަދު ހުޅުވި ބުރާންޗާއެކު އެހެން ބޭންކުތަކާއި ކޮމާޝަލް ބޭންކާއި ހުރި ފަރަޤު ވަރަށް ބޮޑުތަން ކުޑަވެގެންދާނެކަމަށް އަފީފު ވިދާޅުވިއެވެ.
"އެއް އަހަރު ދުވަހުގެ މަސައްކަތުގެ ދަށުން އަލަށް މި ހުޅުވި ހުޅުމާލޭ ބްރާންޗްގެ ސަބަބުން މިހާރު މިވަނީ ބޮޑު ކާމިޔާބީއެއް ހާސިލްވެ ބޮޑު ކުރިއެރުމެއް ހޯދާފަ. އަދި މި ލިބުނު ކާމިޔާބީއާއެކު އަޅުގަނޑުމެންގެ މަސައްކަތަށް އާރޯކަން ލިބި އަވަސް މުސްތަޤުބަލެއްގައި އެހެން ބޭންކުތަކާއި އެއްހަމައެއްގައި ފައިހަމަކުރަން އަޅުގަނޑުމެން އަމާޒުހިފާފަ މި އޮތީ". ކޮމާޝަލް ބޭންކު އޮފް މޯލްޑިވްސްގެ ޗައަރމަން ހުސެއިން އަފީފު ވިދާޅުވިއެވެ.
ސީބީއެމްގެ ހުޅުމާލޭ ގޮފި ހުންނަނީ ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ހުންނަ ކޮށީގައެވެ. ސީބީއެމްގެ ހުޅުމާލޭ ގޮފި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗަމްޕާ ބްރަދާރސްގެ ޗަމްޕާ މުހައްމަދު މޫސާވެސް ބައިވެރިވެޑައިގެންނެވިއެވެ.
ސަތޭކަ ފަންސާސް މިލިއަން ރުފިޔާގެ ރައުސްމާލަކާ އެކު، ރާއްޖޭގެ ފުރަތަމަ ހުޅުވި އަމިއްލަ ބޭންކު ކަމަށް ވާ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ހުޅުވާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަދުވަހުއެވެ.
މަޝްހޫރު ޗަމްޕާ ބްރަދާރސްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓާއި ސްރީ ލަންކާގެ ކޮމާޝަލް ބޭންކު ގުޅިގެން ހުޅުވި ބޭންކު އިފްތިތާހުކޮށް ދެއްވައިފަވަނީ ރައީސް އަބްދުﷲ ޔާމީންނެވެ.
ބޭންކިންގެ ހުރިހާ ހިދުމަތްތަކާއި އޭޓީއެމް އާއި ޑިޕޮޒިޓް މެޝިނެއްގެ ހިދުމަތާއި އެކު ހުޅުވި ކޮމާޝަލް ބޭންކްގެ މާލޭ ބްރާންޗް ހުންނަނީ އަމީރު އަހުމަދު މަގުގައެވެ. މި ބޭންކުން ހައުސިން ލޯނާއި ވިޔަފާރިތަކަށްވެސް އަންނަނީ ލޯނު ދޫކުރަމުންނެވެ.