ވިޔަފާރި

ޕެންޝަން ފަންޑުގެ އިދާރީ ފީ ކުޑަކުރަން ނިންމައިފި


ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ނަގާ އިދާރީ ފީ ކުޑަކުރަން ނިންމައިފިއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނީ އިދާރީ ފީގެ ގޮތުގައި ނަގަމުން އަންނަ ފީ އަންނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ކުޑަކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައިވާކަމަށެވެ. މިހާރު ފީގެ ގޮތުގައި ނަގާ 0.8 އިންސައްތައިގެ ބަދަލުގައި ފީ ކުޑަކުރުމުން ދެން ނަގާނީ 0.6 އިންސައްތައެވެ.

ޕެންޝަން ފަނޑުގެ އިދާރީ ފީ އަކީ އަހަރަކު އެއްފަހަރު މުރާޖައާ ކުރަމުން އަންނަ ފީއެއްކަމުން ކުރިއަށްއޮތް ތަނުގައިވެސް މި ފީއަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި އެކަން ކުރާނެކަމަށް ޕެންޝަން އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން މިހާތަނަށް 3 ފަހަރު އިދާރީ ފީ ވަނީ ކުޑަކޮށްފައެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް އިދާރީ ފީގެ ގޮތުގައި ނެގީ 1 އިންސައްތަ އެވެ. އަދި 2015 އިން 2016 ވަނަ އަހަރު މި ފީވަނީ 0.9 އިންސައްތައަށް ދަށްކޮށްފައެވެ. އަދި މިއަހަރުން ފެށިގެން ނަގަމުން އަންނަނީ 0.8 އިންސަތަ އެވެ.

ޕެންޝަން ފަނޑުގެ އިދާރީ ފީއަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް އާއި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމް ހިންގުމުގެ ޚަރަދުތަކާއި ޕެންޝަން ސްކީމްތައް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ތަރައްޤީ ގެނައުމަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް ނަގާ ފީއެކެވެ.