ޚަބަރު

ކާޑާއި ގޭސް ހުސްވި ރަށްރަށަށް އެތަކެތި ފޯރުކޮށްދެނީ


ކާޑާއި ގޭސް ހުސްވެފައިވާ ރަށްރަށަށް އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކާޑާއި ގޭސް ހުސްވެގެން މިހާތަނަށް ފަސް ރަށަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި މ. މުލަކުއާއި ހދ. ފިނޭ އިން ގޭސް ހުސްވެފައިވާއިރު، ކާޑު ހުސްވެގެން ރިޕޯޓް ކޮށްފައިވަނީ ހދ. ފިނޭ އާއި ފ. ދަރަނބޫދޫ އާއި ފ. ބިލެތްދޫ އަދި ނ. ކުޑަފަރިންނެވެ.

މިނިސްޓަރ ވިދާޅުވީ ރަށްރަށުން ކާޑާއި ގޭސް ހުސްވިނަމަވެސް ކޮންމެ އަތޮޅެއްގައިވެސް ހުންނަ އެސްޓީއޯގެ ފިހާރަ މެދުވެރިކޮށް އެ ރަށްރަށަށް ބޭނުންވާ ކާޑާއި ގޭސް ފޯރުކޯށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެސްޓީއޯގެ އަތޮޅު ފިހާރަތަކުގައި ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ގޭސް ހުރިކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފައިވާކަމަށެވެ.

މިހާތަނަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ރިޕޯޓްކޮށްފައިވަނީ ފިހާރަތަކުން ކާޑާއި ގޭސް ހުސްވެގެންނެވެ. ނަމަވެސް ގޭބީސީތަކުން ކާޑާއި ގޭސް ހުސްވެގެން ރިޕޯޓެއް ކޮށްފައިނުވާކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ.

މޫސުން ރަނގަޅުވުމުން މާދަމާވެސް ރަށްރަށަށް ބޭނުންވާ ގޭހާއި ކާޑުގެ ބާވަތްތައް ފޯރުކޯށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ނޭޝަނަލް ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.