ޚަބަރު

މުވައްޒަފުން ނެގުމުގެ އުސޫލަށް ގެނައި ބަދަލަކީ ހަރުދަނާ ބަދަލެއް


ސަރުކާރުގެ އިދާރާތަކުން ހުސްވާ މަޤާމުތަކަށް މީހުން އައްޔަންކުރުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަންނުޖެހޭ ސަރުކާރުން ހަމަޖައްސައިފިއެވެ. ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަޙްމަދު ސަރުވަޝް އާދަމް ވިދާޅުވީ، މުވައްޒަފުން ނެގުމުގައި ގެންނެވި ބަދަލަކީ، މުވައްޒަފުން ނެގުމުގައި ސަރުކާރުގެ އޮފީސްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ގެނައި ބަދަލެއްކަމަށެވެ. އަދި މި ބަދަލާއެކު ސަރުކާރުގެ އޮފީސްތަކަށް މުވައްޒަފުން ނެގުމުގައި ފިނޭންސް މިނިސްޓްރީގެ ކޮންޓްރޯލް ފުރިހަމައަށް އޮންނާނެކަމަށެވެ.

ސަރުކާރުގެ އޮފީހަކުން މުވައްޒަފަކު ވަކިވުމުން އެ އޮފީހަށް މުވައްޒަފަކު ނެގޭނީ ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އެ މުވައްޒެފެއްގެ މަޢުލޫމާތު ރަޖިސްޓްރީކުރުމުންކަމަށް ސަރުވަޝް ވިދާޅުވިއެވެ. އަދި އެ މަސައްކަތާއިއެކު މުވައްޒަފަކު ނެގުމަށް ކުރާ މަސައްކަތް ފަސޭހަވެ އަވަސްވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

" ގިނަ ފަހަރު ވާ ގޮތަކީ ވަކިވާ މުވައްޒަފުގެ ބަދަލުގައި އަޅުގަނޑުމެންނަށް ހުއްދައަށް ލިއުނީމަ މި ހުއްދަދެނީ. މަގާމުގެ މުސާރައާއި ރޭންކަކަށް އެއްވެސް ބަދަލެއް ނާންނަކަމަށްވާނަމަ އެގޮތުގެ މަތިން ހުއްދަ އެބަ ދެވޭ. އެހެންކަމުން އަބަދުވެސް ހުއްދަ ދެވޭކަމަކަށްވާތީވެ އެކަމަށް ލުއި ފަސޭހަކަމެއް ގެނައުމުގެ ގޮތުން އުސޫލަށް ބަދަލު މިގެނައީ. މިކަން މިކުރެވެނީ ފިނޭންސް މިނިސްޓްރީގެ ކޮންޓްރޯލް އެއްކޮށް ނުގެއްލޭގޮތަށް. މުވައްޒަފަކު ވަކިވާ ހިސާބުން ފެށިގެން އޮފީސްތަކަށް މަސައްކަތް ފެށިދާނެ އެ އޮފީހެއްގެ ފައިނޭންޝަލް އެގްޒެކްޓިވްގެ ހުއްދައާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް. އެކަމަކު އެ މުވައްޒަފަކު ނެގި ނިމޭނި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އެ މުވައްޒަފެއްގެ މަޢުލޫމާތު  ރެޖިސްޓްރީކުރެވުނީމަ.  މަސައްކަތަށް މި ގެނެވުނީ ހަރުދަނާކަމެއް އޮފީސްތަކަށް ލިޔެކިއުންތައް މަދުކޮށް އަވަހަށް ކަންތައް ނިންމޭކަހަލަ އުސޫލަކަށް މިގެންދެވުނީ." ސަރުވަޝް ވިދާޅުވިއެވެ.

ވަޒީފާއިން ވަކިވާ މުވައްޒަފުގެ ބަދަލުގައި މުވައްޒަފުން ނެގުމާ ގުޅޭ އުސޫލަށް ބަދަލުގެނެސް ފިނޭންސް މިނިސްޓްރީން ނެރުނު ސަރކިއުލަރގައި ވަނީ، ވަޒީފާއިން ވަކިވާ މުވައްޒަފުން ހުސްކުރާ މަޤާމްތަކަށް މުވައްޒަފުން ނަގަންވާނީ، އެ މުއައްސަސާއެއް ހިންގުމާ އެވަގުތަކު ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާގެ މަޝްވަރާގެ މަތިން އެ އޮފީހެއްގެ ފައިނޭންޝަލް އެގްޒެކެޓިވްގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތުގެ ހުއްދައާއިއެކުކަމަށެވެ. މި އުސޫލަށް ޢަމަލުކުރާނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަކިވެފައިވާ މުވައްޒަފުންގެ ބަދަލުގައިކަމަށް ސަރކިއުލަރގައިވެއެވެ.