ޚަބަރު

270 ގާރލް ގައިޑުންނާއިއެކު ޕެޓްރޯލް ލީޑަރސް ކޭމްޕް ފަށައިފި


270 ގާރލް ގައިޑުންނާއިއެކު 19ވަނަ ޕެޓްރޯލް ލީޑަރސް ކޭމްޕް ފަށައިފިއެވެ. މި ކޭމްޕް މި ފަހަރު ކުރިއަށް ގެންދަނީ، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމާއި ގުޅޭ ހާއްސަ ޝިއާރުގެ ދަށުންނެވެ.

ޕެޓްރޯލް ލީޑަރސް ކޭމްޕަކީ ގާރލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޭމްޕެކެވެ. މި ކޭމްޕުގައި ތޭރަ އަހަރާއި 17 އަހަރާއި ދެމެދުގެ 270 ގައިޑުން ބައިވެރިވެފައިވެއެވެ.

19ވަނަ ޕެޓްރޯލް ލީޑަރސް ކޭމްޕް ފައްޓަވައިދެއްވީ ދިރާގުގެ ޑިރެކްޓަރ ކޯޕަރޭޓް ސަރވިސް، އާތިފާ އަލީ. އާތިފާ ވިދާޅުވީ 13 އަހަރާއި 17 އަހަރާއި ދެމެދު އުމުރުފުރައަކީ ކުދިން އެންމެ ބޮޑަށް ކަންކަން ދަސްކުރާ އުމުރުފުރާކަމުން ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭ ކޭމްޕްތައް ބާއްވާ އެ ފަދަ ހުނަރުތައް ދަސްކޮށްދިނުމަކީ މުހިންމުކަމެއްކަމަށެވެ.

މި ކޭމްޕުގައި ހެޑް ލީޑަރެއްގެ ގޮތުން ބައިވެރިވާ ކޮމިޝަނަރ ފޮރ ޕަބްލިކް ރިލޭޝަންސް ރަޝީދާ ނަޖީބް ވިދާޅުވީ މި ކޭމްޕުގެ ބައިވެރިންނަށް އަންހެނުންނަށް ކުރާ އަނިޔާއާއި ގުޅޭ މަޢުލޫމަތު ދިނުމަށް ޚާއްސަ ސެޝަންތައް ކުރިއަށްގެންދަމުންދާކަމަށެވެ.

"ވޮއިސް އެގެއިންސް ވިމެން އަކީ ޔޫއެން ވިމެންއާއި، ވަރލްޑް އެސޯސިއޭޝަން ފޮރ ގާރލްގައިޑް  އެންޑް ގާރލް ސްކައުޓުން ކަނޑައަޅާފައިވާ ތީމެއް. އެގޮތުން މިފަދަ މައްސަލަތަކާއި، އެ މައްސަލައެއް ދިމާވެއްޖެ އަންގާނި ގޮތްތަކާއި، އެކަމުން އަރައިގަންނާނި ގޮތްތައް ކުދިންނަށް މިދަނީ ކިޔައިދެމުން" ކޮމިޝަނަރ ފޮރ ޕަބްލިކް ރިލޭޝަންސް ރަޝީދާ ނަޖީބް ވިދާޅުވިއެވެ.

މި ކޭމްގައި ބައިވެރިވާ ދަރިވަރުން ވަނީ އެކުދިންނަށް މި ކޭމްޕުން މިހާތަނަށް ދަސްވި ކަންކަން ހިއްސާކޮށްފައެވެ.

"މި ކޭމްޕްގެ ސަބަބުން އާއްމުކޮށް އުޅޭ މާހައުލު ނޫން އެހެން މާހައުލުތަކުގައި، އަދި ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ކުރަން ދަސްވެގެންދޭ. މީގެއިތުރުން ތަފާތު މިޒާޖުގެ ކުދިންނާއި ދިމާވެ ގްރޫޕެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްވި. އަދި މި އަހަރުގެ ތީމާއި އެއްގޮތަށް، އަނިޔާގެ މައްސަލަތައް ދެނެގަތުމާއި އެކަން ރިޕޯޓް ކުރާނި ގޮތްތައް އެނގިގެންދިޔަ." ކޭމްޕްގެ ބައިވެރިން ކިޔައިދިނެވެ.

މި އަހަރުގެ ކޭމްޕުގައި މާލޭއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 34 ސްކޫލަކުން ގާރލްގައިޑުން ވަނީ ބައިވެރިވެފައެވެ.