ބައެއް މެމްބަރުން ޕާޓީން ވަކިވި ނަމަވެސް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ކޯލިޝަނަށް ނުގެއްލޭކަމަށް މަޖިލީހުގެ ހިސާބުތަކުން ދައްކައިފި.
ގޮނޑި ގެއްލިފައިވާ މެމްބަރުންގެ ނަންތައް ދަފްތަރުން އުނިކުރުމަށްފަހު މަޖިލީހުން މިއަދު ވަނީ މެމްބަރުންގެ ލިސްޓް އަލުން އާއްމުކޮށްފައެވެ.
އެ ލިސްޓު ދައްކާގޮތުން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގައި މިހާރު ތިބި މަޖިލިސް މެމްބަރުންގެ ޖުމްލަ ޢަދަދަކީ 37 އެކެވެ. ސަރުކާރު ކޯލިޝަން އެމްޑީއޭގެ ފަަސް މެމްބަރުންނާއި އެކު މަޖިލީހުގައި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 42 އަރައެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދުމަށް ސަރުކާރު ކޯލިޝަނަށް މަދުވަނީ އެންމެ މެމްބަރެކެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީއަކީ މަޖިލީހުގެ ދެބައިކުޅަ އެއްބައެވެ. އެއީ 43 މެމްބަރުންނެވެ.
މަޖިލީހުން އަލަށް އެކުލަވާލެއްވި މެމްބަރުންގެ ލިސްޓުގައިވާ ގޮތުގައި އިދިކޮޅު އެމްޑީޕީގައި މިވަގުތު ތިބީ 21 މެމްބަރުންނެވެ. ޖުމްހޫރީ ޕާޓީ، ޖޭޕީގައި 7 މެމްބަރުން ތިބިއިރު އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި އަދިވެސް ހުންނެވީ އެންމެ މެމްބަރެކެވެ. މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވީ ދެ މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ގޮނޑި ގެއްލިފައި ވަނީ ދާދި ފަހުން ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމަކާއި ގުޅިގެންނެވެ. އެ ޙުކުމްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް މެމްބަރަކު ބަދަލުވެއްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލިގެންދާނެ ކަމަށެވެ. ސުޕްރީމް ކޯޓުން މި ހުކުމް ކޮށްފައިވަނީ ދަޢުލަތުގެ ފަރާތުން އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައެވެ.
ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ މެމްބަރުންގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިގިނލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) އެވެ. އަދި އިއްޔެ ޕީޕީއެމްއިން ވަނީ އިތުރު ދެ މެމްބަރަކު އެޕާޓީން ވަކިކޮށްފައެވެ. އެއީ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއެވެ. މި ދެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ މަޖިލީހަށް އިލެކްޝަންސް ކޮމިޝަނުން ހުށައަޅާފެއް ނުވެއެވެ. ނަމަވެސް މަޖިލީހުން އަލުން އެކުލަވާލި މެމްބަރުންގެ ލިސްޓުގައި އެ ދެ މެމްބަރުންގެ ނަންވެސް ވަނީ އުނިކޮށްފައެވެ.